އިޓާލީ ލީގުގެ ތިންވަނާގައި އޮތް އުދިނޭސީ އިން ދެވަނާގައި އޮތް ޔުވެންޓަސް ހިފަހައްޓައިފި އެވެ.

މިދެޓީމު ކުޅުނު މެޗު އެއްވަރުވުމުން އޭސީ މިލާނަށް ލީގުގެ އެއްވަނާގައި އޮތުމަށް ވަނީ ފަސޭހަ ވެފަ އެވެ.

ޔުވެންޓަސް އާއި އުދިނޭސީ ގެ ފަރާތުން ހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދީ ޔުވެންޓަސް އިން ނެވެ. އެގޮތުން ޔުވެންޓަސްގެ ކްލައުޑިއޯ މާޗިސިއޯ އަށާއި ސިމޯން ޕެޕޭ އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެ އެވެ. އަދި އުދިނޭސީ ގެ ޑުސަން ބަސްޓާ އަށާއި ޑި ނަޓާލޭ އަށް ލިބުނު ފުރުސަތުތައް ވެސް ފާހަގަކޮށްލެވެ އެވެ. މިމެޗު ނިމިގެންދިޔައީ 0-0 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

އިންޓަމިލާން ވަނީ ލެޗޭ އަތުން ފަސޭހަކަމާއެކު މޮޅުވެފަ އެވެ. މެޗުގެ ނަވާރަ މިނެޓުގައި ލެޗޭ އަށް ލީޑު ހޯދައިދިނީ ލުއިސް މުރިއަލް އެވެ. މެޗުގެ 34 ވަނަ މިނެޓުގައި އިންޓަމިލާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖިއަމްޕައޮލޯ ޕަޒިނީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފަށިތާ ހަތަރު މިނެޓް ފަހުން އިންޓަމިލާނަށް ލީޑު ހޯދައިދިނީ ޑިއޭގޯ މިލިޓޯ އެވެ. މެޗުގެ 73 ވަނަ މިނެޓުގައި އެސްޓަބާން ކެމްބިއާސޯ ލީޑު ފުޅާ ކޮށްދިން އިރު، އިންޓަ ގެ ހަތަރު ވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރިކާޑޯ އަލްވަރޭޒް އެވެ. މިމެޗު ނިމިގެންދިޔައީ 4-1 ލަނޑުން އިންޓަ ކުރީގައި އޮވެގެންނެވެ.

އިޓަލީ ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، 34 ޕޮއިންޓާއެކު އެއްވަނާގައި އޭސީ މިލާން އޮތްއިރު، ދެވަނާގައި އޮތް ޔުވެންޓަސް އަށް ވެސް ލިބެނީ 34 ޕޮއިންޓެވެ. މިލާނަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. 32 ޕޮއިންޓާއެކު ތިންވަނާގައި އުދިނޭސީ އޮތްއިރު، 30 ޕޮއިންޓާއެކު ހަތަރުވަނާގައި އޮތީ ލާޒިއޯ އެވެ.