އޮޑިދޯނިފަހަރު ބަނދެ މަސްވެރިކަމަށް އެ ދޯނިފަހަރު ނެރެ އެ ސިނާއަތް ކުރިއެރުވުމަށްޓަކައި، އޮޑިދޯނިފަހަރު ބަނުމަށް ބޭނުންވާ ސާމާނުން ނަގާ ޑިއުޓީ ކުރިއަށް އޮތް ތިން އަހަރަށް މާފުކުރަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ހުށަހެޅި ހުށަހެޅުން، މަޖިލީހުން ފާސްކޮށްފިއެވެ.

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި، ތިމާވެއްޓަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އަދި މިފަދަ ކަންކަން ބޭނުންކުރުމަށް ބަލާ އެކަންކަން ފުރިހަމަކުރުމަށް، އެ ޕްރޮގްރާމްތައް ހިންގާނެ އުސޫލުތަކެއްގެ ލަފާ ސަރުކާރަށް ދިނުމާގުޅޭގޮތުން އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެ ރިޕޯޓުގައި ކޮމިޓީން ވަނީ 25 ހުށަހެޅުމެއް ހިމަނައިފައެވެ. އޭގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައާއި، މަސްވެރިކަމާއި، ޔުޓިލިޓީ ހިދުމަތްތަކާއި، ދަނޑުވެރިމާ ގުޅޭ ހުށަހެޅުންްތައް ހިމެނެއެވެ.

މަސްވެރިކަން ކުރިއަރުވައި އަދި މަސްވެރިކަމުގެ ބާޒާރުގައި އެކަން ކުރާ ދޯނިފަހަރު އިތުރު ކުރުމުގެ ގޮތުން ސަރުކާރުން މަސްދޯނިތައް ހަދައި އެ ދޯނިފަހަރު ބާޒާރަށް ނެރެ، ލުއި ލޯނުގެ ގޮތުގައި މަސްވެރި ރަށްރަށަށް ނުވަތަ މަސްވެރިކަން ކުރާ ފަރާތްތަކަށް އެ ދޯނިފަހަރު ދޫކުރުމުގެ އިންތިޒާމް ހަމަޖައްސަން ކޮމިޓީން ހުށަހެޅި ހުށަހެޅުން ވެސް ވަނީ ފާސްކޮށްފައެވެ.

މަސްފިނިކޮށް ބެލެހެއްޓުމަށް ސްޓޯރޭޖް ކެޕޭސިޓީ ރަށްތަކުގައި އިތުރުކުރުން އަދި މިކަމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި މަސްވެރިން ބާނާ މަސް ގަންނަ މިންވަރު އިތުރުކުރުމަށްޓަކައި މަސް ކުންފުނިތަކަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެ ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުމަށް ވެސް މިއަދު ފާސްކުރި ރިޕޯޓުގައިވެއެވެ.

އަދި މަސްވެރިކަން ކުރިއެރުވުމަށްޓަކައި މި ދަނޑިވަޅަކީ ސިނާއަތައް އެންމެބޮޑު ހޭދައެއް ކުރަންވީ ދަނޑިވަޅުކަމާއި،
މަސްވެރިކަން ކުރާ އުޅަނދުތައް ބަންނަން ފަށާ އެ މަސައްކަތް ކޮންމެވެސް ސަބަބަކާހުރެ ނުނިމިހުރި އުޅަނދުތައް ނިންމުމަށްޓަކައި އެފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ދިނުމަށް ވެސް ހުށަހެޅިއެވެ.

ހަމައެއާއެކު ދަނޑުވެރިކަމުގެ އުފެއްދުންތައް ސަރުކާރުން ގަތުމަށް ނިންމެވި ފަދައިން ރަށްރަށުގައި ބާނާ ފަރު މަސް ސަރުކާރަށް ގަނެވޭނެ ގޮތެއް ކަނޑައަޅަން ވެސް މިއަދު ފާސްކުރިއެވެ.

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ރިޕޯޓުގައި ހުރި އިތުރު ހުށަހެޅުންތައް

  • ދިވެހިރާއްޖޭގެ ރަށްތަކުގައި ހަކަތައިގެ ފުދުންތެރިކަން ހާސިލްކުރުމަށް އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތައް ހަލުއިކޮށް، އިއާދަކުރަނިވި ހަކަތައަށް މިވަގުތު އިސްކަންދިނުމުގެ ގޮތުން، ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރެއިން އިއާދަ ކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް ފައިސާ ބަދަލުކުރެވެން ހުރި މަޝްރޫއުތައް ބަދަލުކުރުން.

  • ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމަށް، ތެލަށް އެކަނި ބަރޯސާވުން ކުޑަކުރުމަށް އުޅަނދުފަހަރުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • އިއާދަކުރަނިވި ހަކަތަ އުފައްދައި އެއިން ވިޔަފާރި ކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެފުރުސަތު މިހާރުން މިހާރަށް ހުޅުވާލުން.
  • ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ މީހުންނަށް ރަށު ފެންވަރުގައި ލުއި ލޯނު ސްކީމެއް ތަ ޢާރުފްކުރުމުގެ ގޮތުން، އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް ކަނޑައަޅާފައިވާ ފައިސާއިން، ކުރިއަށް އޮތް ތިން އަހަރު ކޮންމެ އަހަރެއްގެ ބަޖެޓުން ކޮންމެ ކައުންސިލަކަށް އެއް މިލިޔަން ރުފިޔާ ކަނޑައެޅުން.
  • ތަރައްގީގެ މަޝްރޫއުތަކުގައި ހަކަތަ ބޭނުންވާ މިންވަރު ބަލާ، އެ މަޝްރޫޢުތަކުގެ ބަޖެޓް ހަދާއިރު، އިއާދަކުރަނިވި ހަކަތަ ހިމެނުމަށް ބަޖެޓްކުރުން.
  • ދަތުރުފަތުރަށާއި މަސްވެރިކަމަށް އެންމެ ކުޑަމިނުން ކުރިއަށް އޮތް އަހަރެއްހާދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކުރެވޭނެކަން ޔަޤީންކުރުމާއެކު ތެޔޮ ރައްކާކުރެވޭނެ މިންވަރު އިތުރުކުރުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން.
  • ޔުޓިލިޓީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، އެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުން.
  • ކަރަންޓް ބިލުތައް ކުޑަކުރެވޭނެ ގޮތްތަކެއް އޮތްތޯ ބެލުމަށްޓަކައި ފެނަކައާއި ސްޓެލްކޯގެ ހިންގުމުގެ ނިޒާމު މޮނިޓާކުރުން.
  • ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުން ދަނޑުވެރިކަމަށް ދޫކުރެވޭނެ ބިންތައް ކައުންސިލްތަކުން އަވަހަށް ކަނޑައެޅުމަށް އަންގާ، އެ ބިންތައް ދަނޑުވެރިކަން ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރަތަމަ އަހަރު ހިލޭ، ދެން ޖެހިގެން އަންނަ އަހަރުތަކުގައި ކުޑަ ކުއްޔެއް ކައުންސިލަށް ނަގާ ގޮތައް، ބިން ދޫކުރުމާއި، ދަނޑުވެރިކަން ކުރުމަށް ލުއި ލޯނު އަދި ފަންނީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނުން.
  • ދަނޑުވެރިކަން ކުރުމުގައި ރާއްޖެއިން ބޭރުން އެތެރެކުރާ ބާއްވަތްތަކުގެ ތެރެއިން ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި ހެއްދޭ ބާވަތްތަކަށް މާކެޓް ޕްރިފަރެންސް ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުން.
  • ދިވެހިރާއްޖޭގެ އެކި ސަރަޙައްދުގައި ހުރި އެސްޓީއޯ ފިހާރަތަކަށް ދަނޑުވެރިކަމުގެ ބާވަތްތައް ފަސޭހައިން ވިއްކޭނެ އިންތިޒާމް ހަމަޖެއްސުން.
  • ވަރުވާއަށް ދޫކޮށްފައިވާ ރައްތަކުގައި ދަނޑުވެރިކަމާއި، ކުކުޅު ގެންގުޅުންފަދަ މަސައްކަތްތައް ހިންގުމަށް ރަށްތައް ދޫކޮށްފައިވާ ފަރާތްތަކަށް ބާރު އަޅާ އެފަރާތްތަކަށް އެކަމުގައި އެހީތެރިވުން؛

  • މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން މި އަހަރުގެ ތެރޭގައި ފުރިހަމަކުރުން.
  • ރާއްޖޭގެ ރަށްރަށުގައި ހުރި ގިނަ ރުކަކީ ދުވަސްވެ މުސްކުޅިވެފައިވާ ރުއްކަމަށް ތަޖުރިބާކާރުން ބުނާތީ، ދެލައްކަ ރުއް ރާއްޖޭގައި އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުން.
  • ދިރިއުޅުމަށް ގޯތި ދޫކުރުމުގައި އެ ގޯއްޗަކަށް އެކަށޭނެ މިންވަރަކަށް "ހޯމް ގާޑްން" ހެއްދުމަށް ގަވާއިދުގައި ހިމެނުން؛

  • ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި އޯގޭނިކް ބޭސް ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމެއް ފެށުން.
  • ފަޅުގޮވާން ކުރުމަށް ހިތްވަރުދީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނާއި، ވަސީލަތްތައް ފަހިކޮށްދިނުން؛

  • ރައްރަށުގައި ސަރުކާރުގެ ޢިމާރާތްތަކުގައި ބަހައްޓާފައިހުރި ވާރޭފެން ނަގާ ތާނގީތަކުގެ ޙާލަތު ދެނެގަނެ، ފެން ނަގާ ރައްކާ ކުރެވޭނެ ހާލަތަކަށް އެތަކެތި އަވަހަށް ގެނައުން.
  • ދުނިޔެއަށް ދިމާވާ މިފަދަ ދަތި ދުވަސްތަކުގައި ދިވެހިރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ތަންތަނާއި ބާވަތްތަކުގެ ބޭނުން ނާޖާއިޒް ގޮތެއްގައި ހިފުން އިތުރުވެދާނެކަމަށް ބަލައި، ސަރުކާރުން ގައިޑްލައިންތަކެއް ކަނޑައަޅާ، އެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ހިމާޔަތް ކުރެވިފައިވާ ތަންތަން ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކުރުން.
  • ކާބޯތަކެއްޗާއި، ފެނާއި ކަރަންޓް އިސްރާފް ނުކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މީޑިއާ މެދުވެރިކޮށް ކަމާބެހޭ ވުޒާރާތަކުންނާއި، ޔުޓިލިޓީ ކުންފުނިތަކުން ހިންގުން.