ފަންނާނުންނަށް ހާއްސަކޮށްގެން ވަރަށް އަވަހަށް ގްރާންޓް ސުކީމެއް އިއުލާނު ކުރާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ތާރީހާއި ސަގާފަތާ ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުުވީ، ފަންނާނުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ އެކު އޮންލައިން ކޮށް އެކަމަނާ ބައްދަލުކުރައްވާފައިވާނެ ކަމަށެވެ.

އެގޮތުން އެ ބައްދުލުވުމުގައި ފަންނާނުންނަށް އެހީވުމަށް ވަރަށް އަވަހަށް ގްރާންޓް ސްކީމެއް އިއުލާނު ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ފައްޔާޒު ދެއްވިކަން ޔުމްނާ ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އަދާކުރަމުންދިޔަ ވަޒީފާއަށް އަސަރުކޮށްފައިވާ ނަމަ އެކަން ސަރުކާރުން ގާއުމްކޮށްފައިވާޖޮބް ސެންޓަރއަށް ރިޕޯޓް ކުރުމަށް މިނިސްޓަރު ޔުމްނާ ވަނީ ހުރިހާ އާޓިސްޓުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އާޓިސްޓުންގެ ތެރޭގައި ގިނައިން އުޅެނީ ފްރީލާންސް ނުވަތަ އަމިއްލަ މަސައްކަތުން ދިރިއުޅުމަށް ފައިސާ ހޯދާ މީހުންނެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެ މީހުންނަށް ފައިސާ ލިބޭނެ ހުރިހާ ދޮރެއް ބަންދުވެފައިވާ ކަމަށް ގިނަ އާޓީސްޓުން އަންނަނީ ބުނަމުންނެވެ.

ސަރުކާރުން ވަނީ ބަލިމަޑުކަމުގެ ސަބަބުން ވަޒީފާ ގެއްލި ބިކަވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވައުދު ވެފަ އެވެ. ނަމަވެސް ފްރީލާންސަރުންއަށް ދެވޭ ވަރަށް ދައުލަތުގައި ފައިސާ ނެތް ކަމަށް ފައްޔާޒު ވިދާޅުވުމުން އެމީހުންގެ 'ރުޅިގަނޑު' ވަނީ ފަޅައިގެން ގޮސްފަ އެވެ. އެއާ އެކު ފައްޔާޒު ވަނީ އާޓިސްޓުންނާ އޮންލައިންކޮށް ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުން އަޑުއައްސަވާފަ އެވެ.