ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ދޫކުރާ ރިލީފް ލޯނުގެ ތެރެއިން 34 ވިޔަފާރިއަކަށް 45 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފި އެވެ.

ރިކަވަރީ ލޯނުގެ ދަށުން ބީއެމްއެލްއިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ވިޔަފާރީގެ އާމްދަނީގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދާފައިވާ ވިޔަފާރިތަކަށެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޭންކުން އިވެލުއޭޓް ކުރުމަށްފަހު ފިނޭންސް މިނިސްޓްރިއިން އެޕްރޫވްކޮށްފައިވާ ލޯނުތަކުގެ ތެރެއިން 63 ލޯނާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ކަސްޓަމަރުންނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ލިޔުންތައް ފުރިހަމަ ކުރުމަށް ފަހު ބޭންކަށް އަނބުރާ ފޮނުވި 34 ވިޔަފާރިއަށް ފައިސާ ޖަމާކޮށްދީ ނިންމާފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

"މީގެ ތެރެއިން ބޭންކަށް އަނބުރާ ލިޔުން ފޮނުވާފައިވާ ކަސްޓަމަރުންގެ ތެެެރެއިން 34 ކަސްޓަމަރަކަށް 45 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ދޫކުރެވިފަ އެވެ،" ބޭންކުގެ ބަޔާނުގައި ބުންޏެވެ.

ބޭންކުން އިލްތިމާސްކުރަނީ، ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ވީހާވެސް އަވަހަކަށް ނިމުމަށް ޓަކައި ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް އަވަހަށް ފޮނުވައިދިނުމަށެވެ.

ރިލީފް ލޯނު ދޫކުރަނީ، އަހަރަކު ހަ ޕަސެންޓްގެ އިންޓްރެސްޓް ރޭޓްގަ އެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ، ހަ މަސް ފަހުން ކަމަށްވާއިރު، ލޯނު އަނބުރާ ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.

ރިލީފް ލޯނުގެ އިތުރުން، ވިޔަފާރިތަކަށް އެހެން ލޯނުތަކާއި ފައިނޭންސިން ފެސިލިޓީތައް ބީއެމްއެލްއިން އަންނަނީ ދޫކުރަމުންނެވެ. ބޭންކުން ބުނީ ރިލީފް ލޯނަށް ހުށަހެޅި ނަމަވެސް، ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ލޯނު އަދި ފައިނޭންސިން އެހެން ފެސިލިޓީތަކަށް ވެސް އެދެވޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވަމުންނެވެ.

މިގޮތުން، ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދިނުމާއި، ރާއްޖޭ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ވަނީ މަގުފަހިކޮށްދީފަ އެވެ. އަދި ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދުވެސް ބޭންކުން ވަނީ އިތުރުކޮށްފި އެވެ.