22 Dec 2011, 14:29
މެންޗެސްޓާ ސިޓީގެ ދެ ކުލަބު ޕްރެމިއާ ލީގުގައި ރޭ ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބު ކޮށްފި އެވެ. އެސްޓަން ވިލާ އަތުން އާސެނަލް ހަނި ނަތީޖާއަކުން މޮޅުވިއިރު، ވިގަން އިން ވަނީ ލިވަޕޫލް ހިފަހައްޓާފަ އެވެ.
ސްޓޯކް ސިޓީ އާއި ދެކޮޅަށް މެންސިޓީ ބައްދަލުކުރި މެޗުގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި މެންސިޓީ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއެރޯ އެވެ. މެޗުގެ 36 ވަނަ މިނެޓުގައި އެޑަމް ޖޯންސަން ވަނީ މެންސިޓީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. މެންސިޓިގެ ތިންވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯ އެވެ. މިމެޗު ނިމިގެންދިޔައީ 3-0 ލަނޑުންނެވެ.
މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފުލަމް ކޮޅަށް ފަސް ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މެންޔުނައިޓެޑަށް ލީޑު ހޯދައިދިނީ ޑެނީ ވެލްބެކް އެވެ. މެޗުގެ 28 ވަނަ މިނެޓުގައި ނާނި ލީޑު ފުޅާކޮށްދިން އިރު، މެންޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ރަޔަން ގިގްސް އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވަނިކޮށް ވޭން ރޫނީ ވަނީ މެންޔުނައިޓެޑަށް އެޓީމުގެ ހަތަަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި މެންޔުނައިޓެޑްގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޑިމިޓްރީ ބާބަޓޯވް އެވެ. މިމެޗު ނިމިގެންދިޔައީ 5-0 ލަނޑުން މެންޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
އެސްޓަން ވިލާ އަތުން އާސެނަލް އަށް ކާމިޔާބު ލިބުނީ ހަނި ތަފާތަކުންނެވެ. މެޗުގެ ސަތާރަ ވަނަ މިނެޓުގައި އާސެނަލް އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމަށް ލީޑު ހޯދައިދިނީ ކެޕްޓަން ރޮބިން ވެން ޕާސީ އެވެ. މެޗުގެ 54 ވަނަ މިނެޓުގައި މާކް އޯލްބްރައިޓަން ވަނީ އެސްޓަން ވިލާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އާސެނަލް އަށް އަލުން ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިޔާ ޔޮސީ ބެނަޔޫން އެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
ވިގަން ވަނީ ލިވަޕޫލް ހިފަހައްޓާފަ އެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ އެވެ. އެގޮތުން ލިވަޕޫލްގެ ލުއިސް ސުއަރޭޒް އަދި ޑާކް ކުއިިޓް އަށް ލިބުނު ފުރުސަތުތައް ފާހަކޮށްލެވެއެވެ. އަދި ވިގަންގެ ޖޯޑީ ގޮމޭޒް އަށާއި ހޫގޯ ރޮޑަލެގާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. މިމެޗު ނިމިގެންދިޔައީ އެއްވެސް ލަނޑެއް ކާމިޔާބު ނުކުރެވި ދެޓީމު އެއްވަރު ވެގެންނެވެ.
ޕްރެމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، 44 ޕޮއިންޓާއެކު އެއްވަނާގައި މެންސިޓީ އޮތްއިރު، 42 ޕޮއިންޓާއެކު ދެވަނާގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. 34 ޕޮއިންޓާއެކު ތިންވަނާގައި ޓޮޓެންހަމް ހޮޓްސްޕާ އޮތްއިރު، 32 ޕޮއިންޓާއެކު ހަތަރު ވަނާގައި އޮތީ ޗެލްސީ އެވެ.
ޕްރެމިއާ ލީގުގައި މިރޭ މުހިންމު މެޗެއް ކުރިއަށް ދާނެ އެވެ. މިރޭ 1:00 ގައި ފަށާ މިމެޗުގައި ބައްދަލުކުރާނީ ލީގުގެ ތިންވަނާގައި އޮތް ޓޮޓެންހަމް އާއި ހަތަރު ވަނާގައި އޮތް ޗެލްސީ އެވެ. މިމެޗު ކުޅޭނީ ޓޮޓެންހަމްގެ ދަނޑުކަމަށް ވައިޓް ހާޓް ލޭން ގައެވެ.