05 May 2020, 17:05
"އަހަރެން މިއަދު އަހަރެންގެ ހަގު ދަރި މިވަނީ ގައުމާ ހަވާލުކޮށްފައި،" ފާތުމަތު ނަސީރު އޭނާ ކުރި ފޭސްބުކް ޕޯސްޓެއްގައި ލިޔެފައިވެ އެވެ.
މިއީ މުޅި ދުނިޔެ ކަޅުކޮށްލާފައިވާ ކޮވިޑް19ގެ ކަޅު ބޯ ވިލާގަނޑުގެ ތެރޭގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން އަންނަ ހިދުމަތްތެރިންގެ ތެރެއަށް އަމިއްލަ ދަރިފުޅު ދޫކޮށްލަމުން، އޭނާ ބުނި ޖުމްލައެކެވެ.
ފާތިމަތުގެ ހަގު ދަރިފުޅު، ރީއަތު ހަމީދަކީ ގައުުމީ ޔުނިވާސިޓީގަައި ޑޮކްޓަރުކަން ކިޔަވަމުން އައި ޒުވާނެކެވެ. ކޮވިޑްގެ ކަންތައްގަނޑު ލައިގަތީ، ރީއަތުގެ ކިޔެވުމުގެ ފުރަތަމަ އަހަރު ނިމުނުތަނާ ހެނެވެ.
ހެޒްމެޓް ސޫޓު ލައިގެން މި ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ކުރީ ސަފަށް، ރީއަތު ނުކުމެ ހުރީ ގައުމީ ވާޖިބު އަދާކުރުމަށެވެ. ލޯބިވާ މަންމަ ދެން ފެންނާނެ ދުވަހެއް ނޭނގެ އެވެ. މަންމަ ދިން ހިތްވަރާއި ލޯބި ހިތުގައި ފޮރުވައިގެން ރީއަތު މިއަދު ކުރާ ގައުމީ މަސައްކަތަށް ފާތިމަތު ހުރީ ފަހުރުވެރިވެފަ އެވެ.
"މިއަކީ އެހާ ފަސޭހަކަމެއް ނޫން. މި އުނދަގޫ ދަނޑިވަޅުގައި ތިމާޔަށް ގަައުމަށްޓަކައި ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭތޯ ބަލަންވީ،" ފާތިމަތު ބުންޏެވެ.
މިއަދު ރީއަތު އެ ދައްކަނީ އެ މިސާލެވެ. ރީއަތު މަސައްކަތަށް ނުކުތީ ބަދަލުގައި އެއްޗެހިތަކެއް ލިބޭތީއެއް ނޫނެވެ. އަމިއްލައަށް އިސްނަގައިގެން ވޮލަންޓިއަރެއްގެ ގޮތުގަ އެވެ.
އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ރީއަތު އަންނަނީ އެތައް ބަޔަކު ބައްޔަށް ޓެސްޓުކުރަމުންނެވެ. އޭނާ ޓެސްޓު ހެދި ބައެއް މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެސް ވެފަ އެވެ.
ގައުމަށްޓަކައި މިފަދަ ބޮޑު ގުރުބާނީއެއް އެއްބަޔަކު ވަމުން އަންނައިރު، އެކަން ބައެއް މީހުންނަށް އިހްސާސް ނުކުރެވޭތީ ފާތިމަތު ހިތާމަކުރެއެވެ.
ފާތިމަތު ބުނީ މީހުންގެ ޓެސްޓު ހެދުމަށް ހެޒްމެޓް ސޫޓު ލައިގެން ރީއަތުމެން މާނޭވާލަމުން ގޭގޭގެ ހަތްވަނަ ފަންގިފިލާއަށް އަރާއިރު، ބައެއް ގެތަކުގައި ތިބޭ މީހުން އެކުދިންނަށް ހަޅޭއްލަވައި ހަދައެވެ.
ފާތިމަތުގެ ލޯބިވާ މަންމަ، އޭނަ ވަރަށް ކުޑައިރު ނިޔާވެފައި ވާއިރު، ހަގު ދަރިފުޅުވެސް ވަނީ ދުނިޔެ ދޫކޮށްފައެވެ. އެހެންކަމުން މިހާރު ހަގަށް ހުރި ރީއަތު ގައުމާ ހަވާލުކުރީ ހިތުގައި އަތް އަޅައިގެން ހުރެ އެވެ.
"ނަމަވެސް އަހަރެންގެ ދަރިފުޅު މިފޮނުވީ ބަލިވާއިރު، ބަލިވާނީ ހަމަ ކޮންމެވެސް މީހެއްގެ މަންމަ، ބައްޕަ، ބޭބެ، ދައްތަ، ކޮއްކޮ ނޫނީ ދަރިފުޅު. އެމީހުންނަށް ދެން ތިބި މީހުން އެހީ ނުވާނަމަ އެމީހުން ވެސް ދެރަވާނެ،" ފާތިމަތި ބުންޏެވެ.
ގައުމީ ހިދުމަަތަށް ރީއަތު ނުކުތް ފަހުން ފާތިމަތަށް އޭނާގެ ދަރިފުޅު ހަމަލޮލަށް އަދި ފެނުނީ އެންމެ ފަހަރަކުއެވެ. ފެނުނު ވަގުތުކޮޅުގައި ވެސް ރީއަތަށް ބުނަން މަޖުބޫރުވި ޖުމްލައިން، އެ މަންމަގެ ހިތް ފަޅައިގެން ދިޔަ އެވެ.
"އަހަރެން އޭނައަށް ލެޕްޓޮޕް ހަވާލުކުރަން ކައިރިވާަން އުޅުނީމަ ބުނީ ދަބަސް ތިރީގަ ބައިންދާފަ މަންމަ ކައިރި ނުވާށޭ. ވަރަށް އަސަރުކުރި،" ފާތިމަތު ކިޔައިދިނެވެ.
ނަމަވެސް މިއަދު ހާަލަތު ވަނީ އެގޮތަށް މަޖުބޫރުކޮށްފައެވެ. އަމިއްލަ ދަރިފުޅު ފެންނާނެ ދުވަހެއް، އެ ދަރިފުޅުގެ ގައިގައި ލޯބިން ބައްދާލެވޭނެ ދުވަހެއް ފާތިމަތަށް ބުނާކަށް ނޭނގެ އެވެ.
ދަރިފުޅަށްޓަކައި ފަހުރުވެރިވާ އެ މަންމަގެ ލޮލުން މިއަދު ފައިބަނީ ހުރިހާ އިހުސާސެއް މަސްހުނިވެފައިވާ ކަރުނައެވެ. ދުއާކުރަނީ ހަގު ދަރިފުޅު ﷲގެ ހެޔޮ ރަހްމަތުގައި ލެހެއްޓެވުމެވެ. ރީއަތު ކުރާ ބުރަ މަސައްކަތުގައި ބަރަކާތްލެއްވުމެވެ. އެ ހިތްވަރުގަދަ ދަރިފުޅުގެ ފާފަފުއްސަވައި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުމެވެެ.
މިއަދު މިފަދަ އެތައް ރީއަތެއް އަންނަނީ ކޮވިޑް19 އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހަރަކާތްތެރިވަމުންނެވެ. ފާތިމަތު ފަދަ އެތައް މައިންނެއް ތިބީ އެމީހުންގެ ދަރިންނަށްޓައި ދުއާއަށް އަތްތައް އުފުލާލައިގެންނެވެ.