05 May 2020, 16:39
ލަވަކިޔުންތެރިޔާ މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލައިފި އެވެ.
މޯލްޑިވިއަން އައިޑަލްއިން ވިދާލި އިޝާން "ސަން" އަށް މިއަދު ބުނީ ލަވަ ކިޔުން ހުއްޓާލިތާ މިހާރު އަހަރެއް ވެދާނެ ކަަމަށެވެ. ނަމަވެސް މިއަދު އެކަން އޭނާގެ ފޭސްބުކްގައި އިއުލާންވަނީ ކޮށްފަ އެވެ.
ލަވަ ކިޔުން ހުއްޓާލަން ނިންމީ ދީނުގައި އެކަމާމެދު އޮންނަ ގޮތް ސާފުވެ ހިދާޔަތް ލިބުމުން ކަމަށްވެސް އިޝާން ބުންޏެވެ.
ލަވަ ކިޔުން ހުއްޓާލުމަށްފަހު މިހާރު އުޅެނީ ކުދިކުދި މަސައްކަތް ކޮށްލައިގެން ކަމަށް އޭނާ ބުންޏެވެ. އަދި އޭގެން ދިރިއުޅުމަށް ފުދޭކަމަށްވެސް ބުންޏެވެ.
މީގެ ކުރިން އޭނާ ވަނީ އެކިއެކި ޝޯތައް ދީ ރިސޯޓްތަކުގައިވެސް މިއުޒިކް ކުޅެފަ އެވެ.
"ފައިސާ އެކަންޏެއް ނޫން ދޯ މުހިންމީ." އިޝާން ބުންޏެވެ.
ރާއްޖޭގައި ފުރަތަމަ ބޭއްވި މޯލްޑިވިއަން އައިޑަލްއިން ތިން ވަނަ އިޝާން ވަނީ ހާސިލްކޮށްފަ އެވެ.
ރާއްޖޭގެ ފުންނާބު އުސް އެތަކެއް ލަވަކިޔުންތެރިންނެއް މީގެ ކުރިން ވަނީ ލަވަކިޔުން ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި އަލީ ރަމީޒް، އިބްރާހިމް ރަމީޒް، މުމްތާޒް މޫސާ ފަދަ ލަވަކިޔުންތެރިން ހިމެނެ އެވެ.