މިދިޔަ ޑިސެމްބަރުމަހު ފްރާންސްއިން ނިއުމޯނިއާ ޖެހުނު މީހެއްގެ ގައިން ކޮރޯނާ ވައިރަސް ފެނިފައިވާ ކަމަށް އެގައުމުގެ ޑޮކްޓަރަކު ބުނެފިއެވެ.

އެއާއެކު ޔޫރަޕްގައި ކުރިން ލަފާކުރިވަރަަށް ކުރި ކުރިން ކޮރޯނާ ވައިރަސް ފެތުރެން ފެށިކަން ވަނީ އެނގިފައެވެ.

ފްރާންސްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޔިވެސް ކޮހެން ފްރާންސްގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ނިއުމޯނިއާ ޖެހުނު މީހާގެ ހަށިގަނޑުން މިދިޔަ ޑިސެމްބަރު މަހު ނެގި ސްވައިބް ފަހުން ޓެސްޓްކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަަމަށެވެ.

ޑޮކްޓަރު ވިދާޅުވީ މިދިޔަ ޑިސެމްބަރުމަހާއި ޖެނުއަރީ މަހު ހުންވައްތަރު އަލާމާތްތައް ހުރެގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 14 ސާމްޕަލްއެއް ދާދި އަނެއްކާވެސް ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ އެންމެ ސާމްޕަލްއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަލި ޖެހުނު މީހާ އެއްކޮށް ރަނގަޅުވެފައިވާއިރު އޭނާއަށް ބަލި ޖެހުނުގޮތެއްވެސް ނޭނގެއެވެ. ބަލި ޖެހުނުއިރު އޭނާ އެއްވެސް ގައުމަކަށް ދަތުރުކޮށްފައެއްވެސް ނުވެއެވެ.

ބަލި ޖެހުނު މީހާގެ ދެ ދަރިންނަށް ބަލި ޖެހުނުއިރު އޭނާގެ އަންހެނުންގެ ގައިން ބަލީގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އޭނާގެ އަންހެނުން މަސައްކަތްކުރަނީ އެއާޕޯޓްގައެވެ. އެހެންކަމުން ބަލި މީހާއަށް ބަލި ޖެހުނީ އަންހެނުންގެ ފަރާތުން ކަމަށްވަނީ ބެލެވިފައެވެ.

ކޮވިޑް އެންމެ ފުރަތަމަ ފްރާންސްއިން ފެނުނުކަމަށް މީގެ ކުރިން ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖެހުއަރީމަހު 24 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލި ފެނުނު ތިން މީހުންގެ ތެރެއިން ދެ މީހުން ވަނީ ޗައިނާގެ ވޫހާންއަށް ޒިޔާރަތްވެސްކޮށްފައެވެ. ވޫހާންއަކީ އެންމެ ފުރަތަމަ ކޮރޯނާ ފެތުރެން ފެށި ސަރަހައްދުވެސް މެއެވެ.

މައުލޫމާތު: ބީބީސީ