މިއަދު މަރުވި ކޮވިޑް-19 ޖެހިފައިވާ ބަންގްލަދޭޝް މީހާ މަރުވީ އެބަލީގެ ސަބަބުން ދިމާވި ކަންތައްތަކުން ކަމަށް ނުބެލެވޭ ކަމަށް އޭނާއަށް ފަރުވާދިން، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ހާމަކޮށްފި އެވެ.

އެ ޕޭޝަންޓަށް ފަރުވާދިނުމުގައި އުޅުއްވި، އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު ފައިޝަން ވިދާޅުވީ، އުމުރުން 33 އަހަރުގެ ބަންގްލަދޭޝްގެ އެ މީހާ މަރުވީ، ސިކުނޑިއަށް ލޭ އެޅިގެން ކަމަށާއި އޭނާއަށް ފިޓް ޖެހުނީވެސް އެކަމުގެ ސަބަބުން މެދުވެރިވި ކަންތައްތަކެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން، ބައެއް ފަހަރު ސިކުނޑިއަށް ލޭ ފޮނުވާ ނާރުތައް ބެދުމުގެ މައްސަލަ ދިމާވާ ކަމަށް ހޯދިފައި ހުރި ނަމަވެސް، ބިދޭސީ މީހާގެ ސިކުނޑިއަށް ލޭ އެޅުނީ، ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށް ވެސް ޑރ. ފައިޝަން ވިދާޅުވި އެވެ.

މަރުވި މީހާގެ ސީޓީ ސްކޭންއާ ހަވާލާދެއްވާ އޭނާ ވިދާޅުވީ، ލޭ ހޮޅިއެއް ފަޅައިގެން ދިޔައީ ޓިއުމަރު ނުވަތަ ކެންސަރެއްގެ ސަބަބުން ނުވަތަ އުފެދުމުގައި ހުރި ކަމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

"މަރުވި ސަބަބަކީ ސިކުނޑިއަށް ލޭ އެރުން. އެހެން ނަމަވެސް އެކަން ދިމާވީ ކޮވިޑްގެ ސަބަބުން ކަމަކަށް ނުބެލެވޭ. ސިކުނޑިއަށް ލޭ އެރީ މި ބެލެވެނީ ކުރިން ހުރި ކަމެއްގެ ސަބަބުންނޭ. ބޮޑަށް ލަފާކުރެވެނީ އޭނާގެ ކުރިން ހުރި ބައްޔެއްގެ ސަބަބުންނޭ އެގޮތަށް ސިކުނޑިއަށް ގެއްލުމެއް ލިބިގެން ހަލާކުވެގެން ލޭ އެރީކަމަށް،" ޑރ. ފައިޝަން ވިދާޅުވި އެވެ."ކޮވިޑްއާ ގުޅުން ހުރި އެއްވެސް ކަހަލަ އަލާމާތެއް ނުވަތަ ކަމެއް ހުރި ކަމަކަށް މިވަގުތު ބަލާއިރު ފެންނާކަށް ނެތް. ބޮޑަށް ލަފާކުރެވެނީ ނިޔާވި ސަބަބަކީ މުޅިން އެހެން ކަމެއްގެ ސަބަބުންނޭ،"

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިޝަން ވާހަކަ ދައްކަވަނީ ---

އޭނާ އަދި ވިދާޅުވީ، އެ މީހާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކަށް ވާތީ، ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކަށް ބަލާއިރު، މިއީ ކޮވިޑް-19 ގުޅުން ހުރި މަރެއްގެ ގޮތުގައި ގުނާނެ ކަމަށެވެ. އެހެންކަމުން، މިއީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ރާއްޖެއިން މަރުވި ދެވަނަ މީހާ އެވެ.

އުމުރުން 33 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ ފިޓްޖެހިގެން އެންމެ ފުރަތަމަ ރޭ ފަތިިހު 4:30 ހާއިރު ގެންދިޔައީ ސެނެހިޔާ ހޮސްޕިޓަލަށެވެ. އަދި ހާލު ސީރިއަސްވެގެން އޭގެ ގަޑިއެއްހާއިރު ފަހުން އަޖީއެމްޗަށް ބަދަލުކޮށް ފަރުވާ ދިން އިރު، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މަރުވި މީހާގެ ފުއްޕާމެއިން ވެސް އަދި އެހެން ގޮތަކުން ވެސް ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެނުނުތޯ "ސަން"އިން ސުވާލުކުރުމުން ޑރ. ފައިޝަން ވިދާޅުވީ އެފަދަ އެއްވެސް އަލާމާތެއް މަރުވި މީހާގެ ކިބައިން ފާހަގަވެފައި ނުވާ ކަމަށެވެ. އަދި އެ މީހާ ޓެސްޓް ނުކުރި ނަމަ، އެސިމްޓޮމެޓިކް ނޫނީ އަލާމާތްތައް ނުފެންނަ ކޮވިޑްގެ ބަލި މީހަކަށް ވުން ގާތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ބަލަމުން މި އަންނަނީ އޭނާ ބަލިވުމުގެ ކުރިން ކޮވިޑް އަލާމާތްތަކެއް މިފަހުން ނަމަވެސް އޭނާގެ ކިބައިން ފެނުނުތޯ،" ޑރ. ފައިޝަން ވިދާޅުވި އެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކާ ބެހޭ އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސެއިން ވިދާޅުވީ ބަލި މީހާ ސަލާމަތް ކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ. އެހެން ނަމަވެސް، އެ މީހާ ހޮސްޕިޓަަލަށް ގެނައި އިރުވެސް ފިޓްޖެހި އަދި ސިކުނޑިއަށް ވަރަށް ގިނައިން ލޭއެޅިފައި ހުރުމުން ހާލު ވަރަށް ދެރަވެފައިވާ ކަމަށް ވެސް ޑރ. މޫސަ ވިދާޅުވި އެވެ. އެ މީހާގެ ފުރާނަ ސަލާމަތް ކުރަން ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެއްކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، މަރުވިއިރު، ވެންޓިލޭޓަރު ގުޅާފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މޫސާ ހުސައިން -- ފޮޓޯ/ އެންއީއޯސީ

"ޕޭޝަންޓް ސަލާމަތް ކުރަން ކުރެވެންހުރި ހުރިހާ ކަމެއް ކުރިން. ނަމަވެސް ސިނކުޑިއަށް ލޭއެޅިފައި ވުމުން ގެނައި އިރުވެސް ވަގުތު ފާއިތުވެފައި ވަނީ،" ޑރ. މޫސާ ވިދާޅުވި އެވެ. "މީގައި މި ދިމާވި މައްސަލައަކީ ލޭފައިބައިގެން ކޮމްޕްރެޝަން މައްސަލަތަކެއް ދިމާވެފައި ހުރީ. ދެ ފަހަރަކު ކާޑިއެކް އެރެސްޓަކަށް ވެސް ދިޔަ. ވެންޓިލޭޓާގައި އޮވެފައި ނިޔާވެގެން މިދިޔައީ."

އެންއީއޯސީގެ ތަރުޖަމާން، މަބުރޫކް އަޒީޒު ވިދާޅުވީ ބަންގްލަދޭޝް އެމްބަސީ މެދުވެރިކޮށް އޭނާގެ އާއިލާއާ ގުޅުމުން ޖަނާޒާގެ ކަންކަން ރާއްޖޭގައި ބޭއްވުމުގައި އިއުތިރާޒެއް ނުކުރާކަން އާއިލާއިން ބުނެފައިވާ ކަމަށެވެ. އެހެންވެ، ޖަނާޒާގެ ކަންކަން އޮންނަ އުސޫލުން ކުރިއަށް ގެންދާނެ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.