ރެއާލް މެޑްރިޑްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ހުރިހާ ގޮތަކުން މޮޅު ކުޅުންތެރިއެއް ކަމަށް އެކުލަބުގެ ފުޓްބޯޅަ ޑިރެކްޓަރު މިގެލް ޕާޑޭޒާ ބުނެފި އެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެ ވިދާލި ހުނަރުވެރި ފޯވާޑް ރޮނާލްޑޯ އަށް ދާދިފަހުން މީޑިޔާ ތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅެ 3-1 ލަނޑުން ބަލިވި މެޗުގައި ރޮނާލްޑޯ އަށް ލިބުނު ފުރުސަތު ތައް ނިންމާނުލެވުމެވެ.

"ރޮނާލްޑޯ އަކީ ހުރިހާ ގޮތަކުން މޮޅު ކުޅުންތެރިއެއް. އޭނާ އަކީ އެހެން ކުޅުންތެރިންނާ ވަރަށް ތަފާތު ކުޅުންތެރިއެއް. އޭނާ އަށް ދަނޑުގެ ކޮންމެ ތަނެއްގައި ހުރެވެސް ކުޅެވިދާނެ." ޕާޑެޒާ ބުންޏެވެ.

ރޮނާލްޑޯ އަކީ މި އަހަރު ފީފާ ބެލޮންޑޯ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މި އެވޯޑަށް ވާދަކުރާ އަނެއް ދެ ކުޅުންތެރިންނަކީ ބާސެލޯނާގެ ލިއޮނަލް މެސީ އާއި ޒަވީ ހެނާންޑޭޒް އެވެ. މި އަހަރު ފީފާ ބެލޮންޑޯ އެވޯޑް ލިބޭނެ ކުޅުންތެރިއާ އިއުލާންކުރާނީ އަންނަމަހުގެ ނުވަ ވަނަ ދުވަހު ސްވިޒަލޭންޑްގައި ބާއްވާ ފީފާ އެވޯޑް ނައިޓްގައެވެ.