05 May 2020, 16:42
ނިއުދީއްލީ (5 މޭ 2020) : ފާއިތުވި 24 ގަޑީއިރު ތެރޭގައި އިންޑިއާގައި 3900 މީހުން ކޮރޯނާ ވައިރަސް "ކޮވިޑް-19" އަށްޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ 24 ގަޑީއިރު ތެރޭގައި 3900 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާ މިއީ ރެކޯޑް އަދަދެއްކަމުގައެވެ. ފަހަކަށް އައިސް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރާމީހުންގެ އަދަދުވެސް ގިނަވުމުގެ ސަބަބުންކަން އެވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.
އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާގެ ބަޔާނުގައި ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑީއިރު ތެރޭގައި އެގައުމުގައި މަރުވި މީހުންގެ އަދަދު 195 އަށް އަރާފައިވާކަން ކަށަވަރުކޮށްދެމުން މިއީވެސް ރެކޯޑު އަދަދެއްކަން ފާހަގަކޮށްފައިވެއެވެ. އިންޑިއާ ގެންދަނީ ވަސީލަތްތައް ލިބުނު ވަރަކުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ މަސައްކަތް ފުޅާކުރަމުންނެވެ.
މިއާއެކު އެރޯގާ އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ މައްޗަށް ދާން ފަށާފައެވެ. އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 45 ހާހަށް އަރާފައިވާއިރު އެ ރޯގާގައި މަރުވި މީހުންގެ އަދަދުވަނީ 1568 އަށް އަރާފައެވެ. މީގެއިތުރުން 12726 މީހުންނަށް އެރޯގާއިން ޝިފާ ލިބިފައިވެއެވެ.
އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން އެގައުމުގައި ކޮވިޑް-19 ގެ ހާލަތްތައް އެންމެ ގިނައިން ފެންނަނީ މެދުތެރޭގައިވާ މަހާރާޝްތްރާ ސްޓޭޓުންނެވެ. ދެވަނައަށް ހުޅަނގުގެ ސްޓޭޓެއްކަމަށްވާ ގުޖުރާތުންނެވެ. ތިންވަނައަށް ވެރިރަށް ނިއުދިއްލީންނެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި މިދިޔަ މާޗް މަހުގެ 25 ގައި އިންޑިއާއިން އެޅި ފުރަބަންދުގެ ފިޔަވަޅުތައް މި މޭމަހުގެ 17 އަށް ދަންމާލުމަށް އެގައުމުންވަނީ ނިންމާފައެވެ. (ނޮވެސްޓީ ނޫސްއެޖެންސީތައް)