05 May 2020, 14:13
ބެއިޖިންގް (4 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" އަކީ ޗައިނާގެ ވޫހާން ސިޓީގެ ޖަރާސީމުގެ ދިރާސާތައްކުރާ ލެބްގައި އުފެއްދި އެއްޗެއް ކަމަށް ބުނެ އެމެރިކާގެ މަސްއޫލުވެރިން ދައްކަވަނީ އަސާސެއްނެތް ޚިޔާލީ ވާހަކަތަކެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ "ޑަބްލިއުއެޗްއޯ" އިން ބުނެފި އެވެ.
ޖެނީވާ ގައި ދެއްވި ބަޔާނެއްގައި ޑަބްލިއުއެޗްއޯ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ޕްރޮގްރާމުގެ ޑިރެކްޓާ މައިކް ރަޔަން ވިދާޅުވީ އިލްމީ އެއްވެސް ތަހްގީގެއްނެތި އެމެރިކާ ދައްކާ އެވާހަކަތަކަކީ ޚިޔާލީ ފޮލާ އެއްކަމަށާ ކޮވިޑް-19 އަކީ ގުދްރަތީ ނޫން ގޮތަކަށް ވުޖޫދުވެފައިވާ ވައިރަސް އެއްކަމަށް ބުނެވޭފަދަ އިލްމީ ހެއްކެއް އަދި ނެތްކަމުގައެވެ.
ޑަބްލިއުއެޗްއޯ ގެ ޖާރާސީމާ ބެހޭ ސައެންސްވެރިން ކޮވިޑް-19ގެ ޖީނޯމް ސީކުއެންސް ދިރާސާ ކުރެއްވުމަށް ފަހު ވަނީ އެއީ ގުދްރަތީ ގޮތުން އުފެދިފައިވާ ވައިރަސް އެއްކަން ކުރިން ކަށަވަރުކޮށް ދެއްވާފައެވެ. ކޮވިޑް-19 އަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކޮރޯނާ ވައިރަސް ގެ ބާވަތަކުން އިވޯލްވެގެން އުފެދުނު އައު ވައިރަސްއެއްކަމަށް ބެލެވޭކަމަށްވެސް ޑަބްލިއުއެޗްއޯ ގެ ޖާރާސީމާ ބެހޭ ސައެންސްވެރިން ދިރާސާތަކަށްފަހު ވިދާޅުވެފައިވެއެވެ.

ޕޮމްޕެއޯ
އެމެރިކާގެވެސް ސެއެންސްވެރިން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ފަދަ ސިޔާސީ ބޭފުޅުން ކޮވިޑް-19 އާބެހޭ ގޮތުން ދައްކާ ވާހަކަތަކުގެ އިލްމީ ހަގީގަތެއްނެތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމެޕެއޯ އިއްޔެވެސްވަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބެއްގައި ސިނާއީ ގޮތުން އުފެއްދި ވައިރަސްއެއްކަމަށް ވިދާޅުވެ އޭނާއާއި ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވާ ވާހަކަތައް އަނެއްކާ ވެސް ތަކުރާރު ކުރައްވާފައެވެ.
ޕޮޕެއޯ އެންމެ ފަހުން ދެއްވި ބަޔާނުގައި އެއީ ޗައިނާއިން އުފެއްދި ވައިރަސް އެއްކަމުގެ އައު ހެކިތައް ލިބިފައިވާ ކަމަށް ވިދާޅުވިނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ.
ޕޮމްޕެއޯ އަށް ރައްދު ދިނުމުގެ ގޮތުން ޗައިނާގެ ރަސްމީ ޓީވީން ވަނީ އެމެރިކާގެ މަސްއޫލުވެރިން ހައްދަވާ ދޮގުތަކަށް ޗައިނާ ކުޑަކޮށްވެސް ޖެހިލުން ނުވާނެކަމަށް ބުނެފަ އެވެ. ޗައިނާއަށް އަމާޒުކޮށް މިފަދަ ދޮގުތައް ޕޮމްޕެއޯ ފަދަ އެމެރިކާގެ ސިޔާސީ ބޭފުޅުން ހައްދަވަނީ ކޮވިޑް-19 ފެތުރުން އެމެރިކާގައި ކޮންޓްރޯލުން ނެއްޓި އެމެރިކާގެ އެތެރޭގެ ހާލަތު އިންތިހާއަށް ގޯސްވުމުން އެހެން ފަރާތެއްގެ ބޮލުގައި އެކަން އަޅުވައިގެން ޒިންމާއިން ރެކިވަޑައިގަތުމުގެ ފުރުސަތެއް ހޯދުމުގެ ބޭނުމުގައި ކަމަށް ޗައިނާ ގެ ރަސްމީ ޓީވީ ކަމަށްވާ ސީސީޓީވީން ބުނެފައިވެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު ނާކާމިޔާބުވެފައިވާ މިދަނޑިވަޅުގައި އޭނާގެ މަގްބޫލުކަން އެމެރިކާގެ އާންމުންގެ ދަށަށްގޮސްފައިވާކަން ރޮއިޓާސްއިން ކުރި އާންމު ޚިޔާލު ހޯދުމުގެ ސާވޭއަކުން މިހަފްތާގެ ކުރީކޮޅު ވަނީ ހާމަވެފަ އެވެ.
ރޮއިޓާސް ގެ ސާވޭން ޓްރަމްޕަށް ވުރެ އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯބައިޑެންގެ މަގްބޫލުކަން ހަތަރު ޕޮއިންޓް މަތިކަން ހާމަވުމުން ޓްރަމްޕް ވަނީ އޭނާއަށް ރިޔާސީ ދެވަނަ ދައުރު ކާމިޔާބު ނުކުރެވިދާނެކަމުގެ ބިރު ފުރަތަމަ ފަހަރަށް އިހްސާސް ކުރައްވައި އެކަމުގެ ޒިންމާ ޗައިނާގެ ބޮލުގައި އަޅުވާގޮތަށް ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް)