05 May 2020, 13:23
ސަންޓާކްރޫޒް (މާޗް 5): ކޮރޯނާވައިރަހުގެ ބަލިމަޑުކަން ފެތުރިފައިވާ މި ދަނޑިވަޅުގައި އެމެރިކާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ބޮޑު ބޯނަހެއް ދިނުމުގެ ގޮތުން، ނަން ހާމަ ނުކުރާ މީހަކު އެ ހޮސްޕިޓަލަށް އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
ކެލިފޯނިއާގެ ސަންޓާ ކްރޫޒްގައި ހުންނަ ޑޮމިނިކަން ހޮސްޕިޓަލަށް އެ ފައިސާ ހަދިޔާކޮށްފައި ވަނީ ހުރިހާ މުވައްޒަފުންގެ މަސައްކަތަށް ޝުކުރު އަދާކޮށް، އެ އެންމެންނަކީ ބަތަލުންގެ ގޮތުގައި ސިފަކޮށްފައިވާ ނޯޓަކާ އެއްކޮށެވެ. އަދި ފައިސާ ހަދިޔާކޮށްފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސެކިއުރިޓީ ގާޑުންނާއި ސާފު ކުރާ މީހުންނަށް ވެސް ފައިސާދޭ ގޮތަށެވެ.
ޑޮމިނިކަން ހޮސްޕިޓަލުގެ ތަރުޖަމާނު ކްލެއާ ހެންރީ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ މަދުވެގެން އެއް އަހަރުވެފައިވާ އެންމެންނަށް އެ ފައިސާއިން ބޯނަހެއް ލިބޭނެ އެވެ. އެގޮތުން ފުލް-ޓައިމްކޮށް މަސައްކަތް ކުރާ މީހުންނަށް 800 ޑޮލަރު އަދި ޕާޓް-ޓައިމްކޮށް މަސައްކަތް ކުރާ މީހުންނަށް 600 ޑޮލަރު ކުރިއަށް އޮތް 30 ދުވަސް ތެރޭ ލިބޭނެ އެވެ.
އެ ފައިސާ ހަދިޔާ ކޮށްފައި ވަނީ ކާކުކަން ހާމަކޮށްފައި ނުވި ނަމަވެސް އެ ހޮސްޕިޓަލުން ވަނީ ފައިސާ ހަދިޔާ ކުރި މީހާއަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހެއް ކަމަށް ބުނެފަ އެވެ.
ޑޮމިނިކަން ހޮސްޕިޓަލްގެ ނާސިން ސުޕަވައިޒާ އޭމީ ލައުޑަން ވިދާޅުވި ގޮތުގައި އެ ފައިސާ ހުރިހާ މުވައްޒަފުންނަށް ވެސް ލިބޭތީ އޭނާ ވަރަށް ބޮޑަށް ޝުކުރުވެރިވެ އެވެ.
"ހޮސްޕިޓަލް ހިންގަނީ ވަރަށް ގިނަ މީހުން ވެގެން. ނަރުހުންނާއި ޑޮކްޓަރުންނަށް ވަރަށް ތައުރީފު ލިބޭ، ނަމަވެސް ހޮސްޕިޓަލް ސާފު ކުރާ މުވައްޒަފުންނާއި، ތަކެތި ޑެލިވާ ކުރާ ފަރާތްތަކާއި، މެޝިންތައް ހަދާ ފަރާތްތަކާއި އެހުރިހާ މުވައްޒަފުންނާ ނުލާ އަޅުގަނޑުމެންގެ މަސައްކަތެއް ނުކުރެވޭނެ. މިއީ ޓީމެއް، އެހެންކަމުން މުޅި ޓީމަށް ޝުކުރު އަދާ ކުރާތީ ވަރަށް އުފާވޭ،" ލައުޑަން ވިދާޅުވި އެވެ.
އެމެރިކާ އަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި މިހާތަނަށް 1.1 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 9،200އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އިން ބުންޏެވެ. އަދި އެ ބަލީގައި އެމެރިކާއިން 68،934 މީހަކު ވަނީ މަރުވެފަ އެވެ.