ފިޓްޖެހިގެން ރޭ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ހެދި ޓެސްޓްތަކުން ކޮރޯނާވައިރަސް ކޮވިޑް-19 އަށް ޕޮޒިޓިވްވި، ބަންގްލަދޭޝް މީހާ މަރުވެއްޖެ އެވެ.

އެ މީހާ ހާލު ސީރިއަސްކަން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ ހާމަކުރި އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ހާލު ސީރިއަސްވީ މި ބިދޭސީ މީހާ މިއަދު ވަނީ އައިޖީއެމްއެޗްގައި ފަރުވާދެނިކޮށް މަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އެ މީހާ މަރުވީ، ފިޓްޖެހި އޭނާގެ ނާރެއް ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ.

ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން މަރުވި މިއީ ދެވަނަ މީހާ އެވެ. މިދިޔަ ބުދަ ދުވަހުރޭ މަރުވެފައި ވަނީ، 83 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަދު މެންދުރުފަހު 2:30 ގައި އެޗްޕިއޭއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ އެވެ. އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި މިކަމާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް 557 މީހަކު ވަނީ މި ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.