އެވަޓަން މިޑްފީލްޑަރު ޖެކް ރޮޑްވެލް އަށް އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާކަމަށް އެކުލަބުގެ ކޯޗް ޑޭވިޑް މޮޔޭސް ބުނެފި އެވެ.

މޮޔޭސް މިހެން ބުނުފައިވަނީ ރޮޑްވެލް އަށް ޗެލްސީ އިން 20 މިލިޔަން ޕައުންޑް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތަކުން ބުނަމުން ދަނިކޮށެވެ.

އުމުރުން 20 އަހަރުގެ ރޮޑްވެލް ޗެލްސީ އަށް ގެނައުމަށް ނިންމާފައިވަނީ ޖެނުއަރީ ޓްރާންސްފާ ގައި ކަމަށް އެރިޕޯޓްތަކުގައި ވެއެވެ. ޗެލްސީ އަށް ގެނައުމަށް ބޮޑު ޚަރަދެއް ކުރާނެ ކަމަށް ވެސް ރިޕޯޓްތަކުން ބުނަމުން ދެއެވެ.

"ރޮޑްވެލް އަށް އެއްވެސް ހުށަހެޅުމެއް ލިބިފައެއް ނުވޭ. ޗެލްސީ އިން އެކަމާއި މެދު ވާހަކަ ދައްކާފައެއް ވެސް ނުވޭ. އެއްވެސް ފޯނު ކޯލެއް ވެސް ނާދޭ." މޮޔޭސް ބުންޏެވެ.

ރޮޑްވެލް ވަނީ މިސީޒަނުގެ ޕްރެމިއާ ލީގުގައި 10 މެޗެއް އެވަޓަން އަށް ކުޅެފައި ވެއެވެ.

މިސީޒަނުގައި އެވަޓަން އަށް ދެ ގޯލު ކާމިޔާބު ކޮށްދިން ރޮޑްވެލް ވަނީ ނޮވެމްބަރު މަހު އިނގިރޭސި ވިލާތުގެ ސްކޮޑުން ޖާގަ ހޯދާފަ އެވެ. ސްކޮޑުގައި ހިމެނުނީ ސްޕެއިން އާއި ސްވިޑަން އާއި އެކު ކުޅުނު އެކުވެރި ކަމުގެ ދެ މެޗުގަ އެވެ.