27 Jun 2010, 05:26
10:00
ސާޅީސް އަހަރަށް ފަހު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއްގެ ކްއާޓަރ ފައިނަލަށް އުރުގުއޭ ދަތުރުކޮށް، ފުރަތަމަ ފަހަރަށް ގާނާ ވެސް ކްއާޓަރ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި ފަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އޭޝިޔާ ތަމްސީލް ކުރަމުން އަންނަ ދެކުނު ކޮރެޔާއާ ދެކޮޅަށް އިއްޔެ މުބާރާތުގެ ފުރަތަމަ މެޗުއގައި އުރުގުއޭ ކާމިޔާބުކުރީ ދޭއް އެކަކުންނެވެ.
އުރުގުއޭގެ ދެ ލަނޑުވެސް ޖަހައިދީފައި ވަނީ މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގައި ހިމެނޭ ހޮލެންޑްގެ އައެކްސް އެމްސްޓަޑަމްއަށް ކުޅެމުން އަންނަ އުގުރުގުއޭގެ ލުއިސް ޝުއާރޭޒެވެ. ދެކުނު ކޮރެޔާއަށް މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ޖަހައިފައި ވަނީ 68 ވަނަ މިނެޓްގައި ލީ އެވެ.
ފުރަތަމަ ހާފަކީ އުރުގުއޭ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ހާފަކަށް ވީ ނަމަވެސް ދެ ވަނަ ހާފް ވެގެންދިޔައީ ކޮރެޔާގެ ކުޅުން ރަނގަޅުކޮށް ގިނައިރު އުރުގުއާއީގެ ހާފް ތެރޭގައި ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުރުގުއާއީގެ ގޯލަށް ފޮނުވާލި ހާފަކަށެވެ.
އޮސްކާ ތަބަރޭޒްގެ އިރުޝާދުގެ ދަށުން ވޯލްޑްކަޕާ ކުރިމަތިލި އުރުގުއާއީ ކްއާޓަރ ފައިނަލްގައި ނުކުންނާނީ ގާނާއާ ދެކޮޅަށެވެ.
އެންމެ ފަހުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ވެސް އެމެރިކާ އަށް ކުރިއަށްދިއުމުގެ ހުރަހަކަށްވެފައި ވާ ގާނާ އެމެރިކާގެ މައްޗަށް ރޭ ކާމިޔާބު ހޯދީ ދޭއް އެކެއްގެ ނަތީޖާއަކާ އެކު އެވެ.
މެޗު 90 މިނެޓްގެ ކުޅުން ހަމަވުމުން އިތުރު ވަގުތުގެ ފަނަރަ މިނެޓްގެ ދެ ހާފަށް ފަހު ފުރަތަމަ ފަހަރަށް ގާނާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގެ ކްއާޓާރ ފައިނަލަށް ވަނީ ދަތުރުކޮށްފަ އެވެ. ގަދަ އަށެއްގެ އުއްމީދު ފުރަތަމަ އާވެގެން ދިޔައީ މުބާރާތުގެ ދެވަނައަށް އެންމެ އަވަސް ލަނޑު ފުރަތަމަ ހާފްގެ ފަސް ވަނަ މިނެޓްގެ ތެރޭގައި އިނގިރޭސިވިލާތުގެ ޕޯޓްސްމައުތަށް ކުޅެމުން އަންނަ ކެވިން ޕްރިންސް ބޯޓިން ޖަހައިދިނުމުންނެވެ. މިއީ އޭނާ ޤަވްމީ ޓީމަށް ކާމިޔާބުކޮށް ދިން ފުރަތަމަ ގޯލެވެ.
މެޗުގައި އެމެރިކާއަށް ނަތީޖާ ހަމަހަމަކޮށްދީފައި ވަނީ ލިބުނު ޕެނަލްޓީއެއްގައި ލަންޑަން ޑޮނަވަން އެވެ.
އެކެއް އެކެއް ނަތީޖާއެއްގައި އޮވެ މެޗު ނިމުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ފަނަރަ މިނެޓްގެ ދެހާފް ކުޅެގެންނެވެ. ގާނާގެ ދެވަނަ ލަނޑު ޖަހާފައި ވަނީ ފަނަރަ މިނެޓްގެ ދެވަނަ ހާފްގެ ތިން ވަނަ މިނެޓްގައި ގިޔާނެވެ. މިލަނޑާއެކު އޭނާ ވެސް މި މުބާރާތުގެ ޓޮޕް ސްކޯރާރ އަށް ވާދަކުރަމުންނެވެ.
މިފަހަރުގެ ވޯލްޑްކަޕްގައި އެފްރިކާ ބައްރު މިހާރު ތަމްސީލް ކުރަމުންދާ ގާނާ ވެފައި ވަނީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއްގައި އެފްރިކާގެ ޤަވްމެއް ކްއާޓަރ ފައިނަލަށް ދަތުރުކުރި ތިން ވަނަ ޤަވްމް ކަމަށެވެ. 1990 ގައި ކެމަރޫން އަދި 2002 ގައި ސެނަގާލް ކްއާޓަރ ފައިނަލަށް ދަތުރުކޮށްފައި ވީނަމަވެސް ސެމީ ފައިނަލަށް އެފްރިކާ ބައްރުން އެއްވެސް ޓީމެއް ދަތުރުކޮށްފައެއްނުވެ އެވެ.