ދުނިޔޭގެ ބޮޑު މަޝްހޫރު ފްރެންޗައިޒް އަކަށް ވެގެން ދިޔަ މަޝްހޫރު "ޓްވައިލައިޓް" ފިލްމު ސީރީޒް ބިނާކޮށްފައިވާ ވާހަކަ ސީރީޒްގެ އާ ފޮތެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ޓްވައިލައިޓް ވާހަކަ ސީރީޒްގެ ލިޔުންތެރިޔާ ސްޓެފެނީ މޭޔާ ދާދި ފަހުން ހާމަކޮށްފައިވަނީ އެ ސީރީޒްގެ ހަތަރު ވަނަ ފޮތެއް ނުވަތަ ކޮމްޕޭނިއަން ފޮތެއް މިއަހަރުގެ އޯގަސްޓު މަހުގައި ނެރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"މިޑްނައިޓް ސަން: ނަމަކަށް ކިޔާ ހަތަރު ވަނަ ފޮތަކީ ޓްވައިލައިޓް ސީރީޒްގެ ވާހަކަތަކުގެ ކަންތައް ހިނގާ ދިޔަގޮތް އެހެން ކެރެކްޓަރެއްގެ ދުލުން ގެނެސްދިނުމަށް ސްޓެފެނީ ތައްޔާރުކުރި ފޮތެކެވެ.

ޓްވައިލައިޓްގެ ފުރަތަމަ ތިން ފޮތް ކަމަށްވާ "ޓްވައިލައިޓް" އާއި "ނިއު މޫން" އަދި "ބްރޭކިން ޑޯން" ކިޔައިދީފައިވަނީ ބެލާ ސްވޯންގެ ނަޒަރުންނެވެ. ނަމަވެސް މިޑްނައިޓް ސަން ކިޔައިދޭނީ އެޑްވާޑް ކަލެންގެ ދުލުންނެވެ.

ޓްވައިލައިޓް ސީރީޒްގެ އެންމެ ފަހު ފޮތް ބްރޭކިން ޑޯން ނެރެފައިވަނީ 2008 ވަނަ އަހަރުގައެވެ. މިޑްނައިޓް ސަން ނެރުމަށް ހަމަޖެހިފައިވަނީ އެ އަހަރުގައެވެ. ނަމަވެސް ފޮތުގެ ބައެއް ސްކްރިޕްޓުތަކުގެ ލީކްތަކާއެކު އެ ފޮތް ލޯންޗުކުރުން ވަނީ ކުރީން ކެންސަލުކޮށްލާފައެވެ.

ޓްވައިލައިޓް ސީރީޒް އަކީ 2000ގެ ކުރީކޮޅުގައި ބޮޑު ތަރުހީބެއް ލިބުނު ސީރީއެކެވެ. އެގޮތުން އެ ސީރީޒްގެ ފޮތުގެ 100 މިލިއަން އަށްވުރެ ގިނަ ކޮޕީ ވިކިފައިވާއިރު އެ ވާހަކައިގެ ފިލްމު ސީރީޒް އަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ލަޔަންސްގޭޓުން ތައްޔާރުކުރި އެ ފިލްމު ސީރީޒްއަށް ވަނީ 3.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.