ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރޯގާގެ ސަބަބުން އެތައް އާއިލާއެއް ނިކަމެތިވެ ހާލުގައި ޖެހެމުން އަންނާތީ، އެފަރާތްތަކަށް އަވަސް ލުޔެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

"ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލް"ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.

ބިލާ ގުޅޭގޮތުން ސައީދު ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް ނެތިދިއުމުގެ ބިރު ބޮޑުވެފައިިވާ ކަމަށާއި އެތައް ހާސް އާއިލާއެއް ނިކަމެތިވެ ހާލުގައިޖެހެމުން އަންނަ ކަމަށެވެ.

އެހެންކަމުން އެ ފަރާތްތަކަށް އެހީވުމަށް ޕެންޝަން ފަންޑުގެ ހައްގުވެރިންނަށް ފައިސާ ދޫކުރުމާއި، ގޭގެ ކުއްޔަށް ލުއި ދިނުމާއި، ޓޫރިޒަމްގެ ސިނާއަތުން ވަޒީފާ ގެއްލުނު އެތައް ހާސް މުވައްޒަފުންގެ ވަޒީފާ ޔަގީން ކުރުން ބިލުގައި ހިމަނާފައިވެއެވެ.

ހަމައެއާއެކު ޓޫރިޒަމް ސިނާއަތުގެ ބިމު ކުއްޔަށް ޝެޑިއުލެއް އެކަށައެޅުމަށާއި، ސްޓޫޑެންޓް ލޯނު ފަސްކުރުމާއި، ކުދި ވިޔަފާރިތަކުގެ ޓެކްސް ފައިލް ކުރުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށާއި، ދަނޑުވެރިންނާއި މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދެވޭނޭ އިންތިޒާމް ފަހިކޮށްދިނުމަށް ވެސް ބިލުގައިވެއެވެ.

ކޮވިޑް19 ގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވާ ހީނަރުކަމުގެ ސަބަބުން ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ސަލާމަތް ކުރަން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އިއުލާންކޮށްފަ އެވެ.

އެގޮތުން ފަރުދުންނާއި ވިޔަފާރިތަކުން ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ހަ މަހަށް ފަސްކޮށް، ވިޔަފާރިތަކަށް 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފްކުރުމާއި ވަޒީފާއަށް ބަދަލު އަންނަ މީހުންނަށް ތިން މަސް ދުވަހަށް 5000 ރުފިޔާގެ އެލަވަންސެއް ދިނުން ފަދަ ކަންކަން ހިމެނެއެވެ.