ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުން ބައެއް ގައުމުތަކުގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން ޔޫކްރައިންގައި ތިބި 32 ދަރިވަރަކު ރާއްޖެ ގެނައުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މިރޭ އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، ޔުކްރައިންގައި ތިބި ދަރިވަރުންގެ ތެެރެއިން ރާއްޖެ އައުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އަންނަ ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި 32 ދަރިވަރަކު ރަޖިސްޓްރީވި ކަމަށެވެ.

"ޔޫކްރައިންގައި ތިބި ކިޔަވާ ކުދިން ރާއްޖެ އައުމަށް މަގެއް ފަހިވެފައިވޭ. 32 ކުދިން ރާއްޖެ އައުމަށް އެދުމުން އެ ފުރުސަތު މިހާރު ވަނީ ފަހިވެފައި. އެކުދިން މިހާރު ކުރަމުންދަނީ ޓިކެޓް ގަތުމުގެ މަސައްކަތް،" މަބްރޫކު ވިދާޅުވިއެވެ.

އެ ދަރިވަރުން ރާއްޖެ އަންނާނެ ތާރީހެއް މަބްރޫކު ހާމައެއް ނުކުރެއެވެ. އެޗްޕީއޭގެ ގައިޑްލައިންނާ އެގޮތަށްވެސް އެ ދަރިވަރުން ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީން ފެސިލިޓީތަކުގައި މަޑުކުރަން ޖެހޭނެއެވެ. އަދި ކަރަންޓިން ފެސިލިޓީސްތަކުން ދޫކޮށްލާނީ، ކޮވިޑަށް ޓެސްޓް ކުރުމަށްފަހު، ނަތީޖާ ނެގަޓިވްވުމުންނެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، ސައުދީ އަރަބިއްޔާގައި ތިބި ދިވެހިން ގެނައުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަޝްވަރާތައް އެގައުމެ ސަރުކާރާ ގުޅިގެން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގައި ފްލައިޓް އޮތް ނަމަ، އަދި އާދެވޭނެ މަގުފަހިވެފައިވާނަމަ، އެކުދިންނަށް ރާއްޖެ އާދެވޭނެ ކަމުގެ ފުރުސަތު އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީގެ ފަރާތުން މައުލޫމާތުދޭ. މިހާރުވެސް ދަނީ އިތުރަށް ވާހަކަ ދެކެވެމުން ކަމަށް އެބޭޅުން މައުލޫމާތު ދެއްވައި،" މަބްރޫކު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ ރާއްޖެއިން ބޭރު ގައުމުތައި ތިބި ދިވެހީން ރާއްޖެ ގެނެސްފައެވެ. އަދި އަދިވެސް ވަރަށް ގިނަ ދިވެހީން މިގޮތަށް ރާއްޖެ ނާދެވި ތާށިވެފައި އެބަތިބިއެވެ.