05 May 2020, 00:52
ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެގެން އިތުރަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕޮޓަލްގެ ޑީއެޗް11ގައި އެޑްމިޓްކުރި ހަ މީހުންގެތެރެއިން ތިން މީހުންގެ ހާލު ރަނގަޅުކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ޑީއެޗް11 ގައި އެޑްމިޓް ކުރަނީ، ވައިރަސް ޖެހިގެން ހާލު ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ނާޒުކު މީހުންނެވެ. އެގޮތުން މިހާތަަނަށް އެތަނުގައި އެޑްމިޓްކޮށްފައިވަނީ، އުމުރުން ދުވަސްވީ މީހުންނެވެ.
މިރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ޑީއެޗް11 ގައި ފަރުވާ ދެމުންދާ ހަ މީހުންގެ ތެރެއިން ތިން މީހުން ފިޔަވާ އެންމެން ހާލު ރަނގަޅު ކަމަށެވެ.
އަފްޒަލް ވިދާޅުވީ، ހާލު ގޯސްވެފައިވާ ތިން މީހުންގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އަނެއް ދެމީހުން އޮތީ އެކްސިޖަން ގުޅާފައި ކަމަށެވެ.
ހާލު ގޯސްވެގެން 88 އަހަރުގެ ފިިރިހެން މީހާ ވެންޓިލޭޓަރަށް ގުޅާފައިވަނީ، މިދިޔަ އާދިއްތަ ދުވަހުއެވެ. އޭނާއަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަ ދުވަސްވީއިރު، އަދިވެސް އޭނާގެ ހާލަތު ރަނގަޅުވަމުން ނުދާ ކަމަށް ޑރ. އަފްޒަލް މިރޭ ވިދާޅުވިއެވެ. އޭނާ އަކީ، މި ވައިރަސް ޖެހިގެން މިދިޔަ ބުދަ ދުވަހު ނިޔާވި އުމުރުން 83 އަަހަރުގެ އައިމިނަތު އާދަމްގެ ފިރިމީހާއެވެ.
"އޭނާ އޮތީ އަދިވެސް ވެންޓިލޭޓަރުގައި. މާނައަކީ ހާލަތަށް އިތުރަށް މާބޮޑު ތަފާތެއް ނާދެއޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ ---- ފޮޓޯ/ އެންއީއޯސީ
އަފްޒަލް ވިދާޅުވީ، އޮކްސިޖަނަށް ގުޅައިގެން މިހާރު ފަރުވާ ދޭން ފަށާފައި ވަނީ، 80 އަހަރުގެ ފިރިހެނަކަށާއި އުމުރުން 70 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.
ދެން ޑީއެޗް11 ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ތިން މީހުންނަކީ، އުމުރުން 58 އަހަރުގެ އަންހެނަކަށާއި އުމުރުން 48 އަހަރުގެ ބިދޭސީ ފިރިހެނެއް އަދި އައިޖީއެމްޗަށް ބަޑަށް ތަދުވެގެން ޑޮކްޓަރަށް ދެއްކި އުމުރުން 80 އަހަރުގެ އަންހެން މީހާއެވެ. އެ ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 545 އަކަށް އަރާފައެވެ. އޭގެ ތެރެއިން މިދިޔަ 24 ގަޑި އިރުތެރޭ ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 14 އެވެ. ރާއްޖެއިން މިހާތަނަށް ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދަކީ، 18 އެވެ.