05 May 2020, 01:40
ހެޔޮ އަގުގައި މުޅި ދުނިޔޭގެ އެންމެނަށް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ފަރުވާއާއި ޓެސްޓް ކިޓްތަކުގެ އިތުރުން ވެކްސިން ލިބޭނެ ގޮތް ހެދުމަށް މަސައްކަތްކުރުމަށް އދ. އިން ގޮވާލައިފި އެވެ.
އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުތިއަރޭޒް ވިދާޅުވީ ފަރުވާއާއި ޓެސްޓް ކިޓްތަކާއި ވެކްސިންއާއެކު ކޮވިޑް-19 ކޮންޓްރޯލްކުރިވެގެން ދާނެ ކަމަށާއި އެހެންކަމުން އެތަކެތި އެންމެނަށް ހެޔޮއަގުގައި ކޮންމެހެން ލިބެންޖެހޭނެ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ހެޑް ޓެޑްރޯސް އަދަނޯމް ވިދާޅުވީ ކޮވިޑްއާ ދެކޮޅަށް ކާމިޔާބު ލިބޭނީ ކޮންހެން ފަރުވާއާއި ޓެސްޓް ކިޓްތަކާއި ވެކްސިންތައް އަވަހަށް އުފައްދައިގެން ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިހާރު އެ ވަސީލަތްތައް އެންމެނަސް ހަމައަށް ފޯރުކޮށްދީގެންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ބަކި ބަޔަކަށް ރައްކާތެރިކޮށް ފޯރުކޮށްދީފައި އަނެއްބަޔަކަށް ވަކިގޮތެއް ހެދުމަކީ ބަލައިގަނެވޭނެގޮތެއް ނޫން،" ޓެޑްރޯސް ވިދާޅުވިއެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ވެކްސިނެއް އުފެއްދުމަށާއި ކޮވިޑް-19 ބައްޔަށް ފަރުވާއެއް ހޯދުމަށް 8.2 ބިލިއަން ޑޮލަރު އެއްކުރުމުގެ ގޮތުން ދުނިޔޭގެ ލީޑަރުންގެ އޮންލައިން ކޮންފަރެންސެއްވެސް މިއަދު ވަނީ ފަށައިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މީގެ ކުރިން ވަނީ ކޮރޯނާވައިރަހަށް ބޭނުން ކުރެވިދާނެ 70 ވެކްސިނެއް އެކި ގައުމުތަކުގައި ޓެސްޓު ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ކޮވިޑް-19އަށް ދެވިދާނެ ފަރުވާއެއް ވެސް ސައިންސުވެރިން ދަނީ ޓެސްޓު ކުރަމުންނެވެ.
ދުނިޔޭގައި މިހާތަނަށް 3.5 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 247،971 މީހަކު ވަނީ މަރުވެފަ އެވެ.