22 Dec 2011, 14:18
ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމްގެ ޒުވާން މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޯދުމަށް ވަރަށް ކައިރިން ބަލާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗް ރެނޭ މެއުލެންސްޓީން ބުނެފި އެވެ.
މެންޔުނައިޓެޑުން އަންނަ ޖެނުއަރީ ޓްރާންސްފާގައި ހޯދުމަށް މަސައްކަތް ކުރާނެ އެއް ކުޅުންތެރިއެއް ކަމަށް އެރިކްސަން ވުމަކީ ގާތް ކަމެކެވެ.
ފަހަކަށް އައިސް މެންޔުނައިޓެޑްގެ މެދުތެރެއަށް ކުޅެމުންދާ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާއި ކުރިމަތިވުމުން އެކުލަބުގެ މެދުތެރެއަށް ބޮޑު ހީނަރު ކަމެއް ކުރިމަތިވެފައި ވެއެވެ. އެހެންކަމުން އަންނަ ޖެނުއަރީ މަހު ޓްރާންސްފާގައި މެންޔުނައިޓެޑުން އެންމެ އިސްކަމެއް ދޭނީ މިޑްފީލްޑަރުން ހޯދުމަށް ކަމަށް ވެސް ބެލެވެ އެވެ.
"އެރިކްސަން ފަދަ ކުޅުންތެރިއެއްގެ ބޭނުން ޓީމަށް ވަނީ ޖެހިފައި. މިއީ އަހަރެމެން ހޯދަން ބަލާނެ އެއް ކުޅުންތެރިއެއް. އެރިކްސަން އަކީ ހުނަރުވެރި ކުޅުންތެރިއެއް." މެއުލެންސްޓީން ބުންޏެވެ.
އަޔެކްސް އާއި އެކު އެރިކްސަން ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ ތިން އަހަރު ދުވަސް އެބަ އޮތެވެ. އެހެން ކަމުން އެރިކްސަން ހޯދަން ބޭނުންވާ ކުލަބަކުން އެރިކްސަން ހޯދުމަށް ބޮޑު ޚަރަދެއް ކުރަން މަޖުބޫރު ވާނެ އެވެ.