05 May 2020, 08:27
ބޮލީވުޑްގެ ކާމިޔާބު ބަތަލު ވަރުން ދަވަން ސޮއިކޮށްފައިވާ ބައިލޮޖިކަލް ޑްރާމާ "އެއްކީސް"ގައި އޭނާ ފެނިގެންދާނީ 21 އަހަރުގެ ޒުވާނެއްގެ ރޯލުން ކަމަށް ޚަބަރުތައް ބުނެފިއެވެ.
އަންނަ އަހަރު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސްރީރާމް ރަގްވަން ޑައިރެކްޓްކޮށް އުފައްދާ ފިލްމެކެވެ. އަދި އެ ފިލްމު ޕްރޮޑިއުސްކުރަނީ ދިނޭޝް ވިޖަން އެވެ.
ކުރީގެ އިންޑިއާގެ އަސްކަރިއްޔާގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ސެކަންޑް ލެފްޓިނަންޓް އަރޫން ކެތުރިޕާލްގެ ވާހަކަ ކިޔައިދޭ އެ ފިލްމު ކުޅުމަށް ވަރުންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭނެއެވެ. މި ފިލްމު ކުޅުމަށް ވަރުން ބަރުދަން ވެސް ލުއިކުރަން ޖެހޭނެއެވެ.
ފިލްމުގެ މަންޒަރުތައް ޝޫޓްކުރުމަށްފަހު އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފަހުކޮޅުކަމަށް ޚަބަރުތައް ބުނެއެވެ.
ކާމިޔާބު އެކްޓަރު ވަރުން ދެން އެންމެ އަވަހަށް ސިނަމާތަކުން ފެނިގެންދާނީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "ކޫލީ ނަންބަރު 1" އިންނެވެ. އެ ފިލްމުގައި އޭނާ އާއެކު ފެނިގެންދާނީ ބަތަލާ ސާރާ އަލީ ޚާން އެވެ.