ބާގާ އޭ ބުނެފިނަމަ ކުޅުދިޔާނުވާނެ މީހަކު މަދުވާނެ އެވެ. ކުޑަކުއްޖަކަސް އުމުރުން ދޮށީ މީހަކަސް، ބާގާ އަކީ ރޯދަމަހުގައި ކޮންމެވެސް އެއްދުވަހަކު ސުފުރާމަތީގައި ފެންނަން ހުންނަންޖެހޭ ބާވަތެކެވެ. އެހެންނަމަވެސް މިފަދަ ހާލަތެއްގައި ބާގާ ބަންސް ހޯދާކަށް ދެވޭނެ ތަނެއް ނެތެވެ. އެހެންކަމުން "ސަން ބަދިގޭގައި" މިއަދު އެލީޝާ އިސްމާއިލް މިކިޔާދެނީ އަމިއްލައަށް ގޭގައި ބާގާ ބަނަސް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި

- ޓޭންގްޒޮންގް އަށް

  • 2 މޭޒުމަތީ ސަމްސާ ފުށް

  • 2 މޭޒުމަތީ ސަމްސާ ފެން
  • 4 މޭޒުމަތީ ސަމްސާ ކިރު

- ޔީސްޓް މިކްސް އަށް

  • ހޫނު ކިރުފޮދެއް

  • 2 މޭޒުމަތީ ސަމްސާ ކިރު
  • 1 މޭޒުމަތީ ސަމްސާ ޔީސްޓް

- ފުށްގަނޑު

  • 1/2 2 ފުށް

  • ޔީސްޓް މިކްސް
  • ޓެންގްޒޮންގް
  • 1 ބިސް އަދި އިތުރު އެއް އެގް ޔޯކް
  • 1 ސައިސަމްސާ ލޮނު
  • 3 މޭޒުމަތީ ސަމްސާ ބަޓަރު
  • އިތުރު 1 ބިހާއި ކިރުފޮދެއް (އެގްވޮޝް ކުރުމަށް)
  • ކުޑަ މެލްޓެޑް ބަޓަރު ކޮޅެއް (ފިހެ ނިންމާފައި ހޭކުމަށް)

ބާގަރ ބަންސް -- ފޮޓޯ:އެލީޝާ އިސްމާއިލް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ކިރުކޮޅު ހޫނުކުރުމަށްފަހު ފުށްއަޅާ ވީޑިއޯއިން ފެންނަ ކޮންސިސްޓަންސީ ލިބެންދެން މިކްސް ކުރަމުން ދާށެވެ. އެއަށްފަހު ބަހައްޓާށެވެ.

ޔީސްޓް މިކްސް ހެދުމަށް ހުރިހާ އިންގްރިޑިއަންޓެއް އެއްކޮށްލުމަށްފަހު ޔީސްޓް އެއްކޮށް ގިރެންދެން މިކްސް ކޮށްލާށެވެ.

އެއަށްފަހު ފުށްގަނޑަށް ބޭނުންވާ ތަކެތީގެ ތެރެއިން ލޮނާއި ބަޓަރު ނޫން އެހެން ހުރިހާއެއްޗެއް އެއްކޮށް ރަނަގަޅަށް ސްޕެޓިއުލާއއެއްފަދަ އެއްޗަކުން ފުރަތަމަ މިކްސް ކޮށްލާށެވެ.

އެއަށްފަހު ލޮނާއި ބަޓަރު އެޅުމަށްފަހު އަތުން ފުށްގަނޑު މޮޑެން ފަށާށެވެ. ކޮންމެ ފަހަރަކުވެސް ވީޑިއޯއިން ފެންނަހެން ފަހަތައް ފޯލްޑްކުރަންވާނެ އެވެ. ހުރިހާއެއްޗެއް އެއްކޮށް ބައިންޑް ވަންދެން ރަނގަޅަށް މިކްސް ކުރަންވާނެ އެވެ.

ދެން ކުޑަ ބޯތަށްޓެއް ނަގައި ރަނގަޅަށް ވަށައިގެން ތެޔޮ އުނގުޅާށެވެ. އަދި ފުށްގަނޑު ދެގުނަ ވަންދެން ކުޑަ ހޫނުކަމެއް ހުންނަ ތަނެއްގައި ބަހައްޓާށެވެ. އެލީޝާ ބޭނުންކޮށްފައިވަނީ އޭނާގެ އަވަން އެވެ. އަވަން ނުޖައްސާ ހަމައެކަނި ބޮކީގެ އަލި ބޭނުންކޮށްގެން 3 ގަޑިއިރު ވަންދެން ބެހެއްޓިއެވެ. އެއަށްފަހު ފުށްގަނޑު ނަގައި ހަމަ ކުރިންހެން ފަހަތަށް ފޯލްޑްކުރަމުން މޮޑެލާށެވެ.

އެއަށްފަހު ފުށްގަނޑު އެއްވަރަކަށް ބަހާލާށެވެ. އެންމެ "ޕާރފެކްޓް" ކުރަން ބޭނުންނަމަ އެލީޝާހެން ފުށްގަނޑު ކިރުމަށްފަހު ވެސް ބެހިދާނެއެވެ. އެއަަށްފަހު ވަށްކޮށް ބަންސްގެ ބައްޓަމަށް ފުށްގަނޑުތައް ހަދާށެވެ. އެއަށްފަހު އަނެއްކާވެސް 2 ގަޑިއެއްހާއިރު ބޭކިންޓްރޭގައި ބަންސް ފުށްގަނޑުތައް ތެތްފޮތިކޮޅަކުން ކަވަރުކޮށްފައި ބަހައްޓާށެވެ. މިފަހަރުވެސް އެލީޝާ ބޭނުންކޮށްފައި އެވަނީ ހޫނުނުކޮށް ހަަމައެކަނި ބޮކިދިއްލާފައި އޭނާގެ އަވަނެވެ. އެއަށްފަހު އެގްވޮޝް ކުރުމަށް ބިހާއި ކިރުފޮދެއް މިކްސްކޮށްލުމަށްފަހު ބަންސްގެ މަތީގައި އުނގުޅާލާށެވެ.

ދެން އޮތީ ފިހުމެވެ. 18 މިނިޓް ވަންދެން 180 ޑިގްރީ ސެލްސިއަސްގައި ބަނަސްތައް "ގޯލްޑަން ބްރައުން" ވަންދެން ފިހެލާށެވެ. ފިހެ ނިމުމުން މެލްޓެޑް ބަޓަރު ކޮޅެއް ހޭކުމަށްފަހު ހިހޫކުރަން ބަހައްޓާށެވެ.

މިހާރު މިއޮތީ "ޕާރފެކްޓް" ބާގާ ބަންސް ކޮޅެއް ތައްޔާރުކުރެވިފަ އެވެ. ދެން އޮތީ ވަރަށް އަވަހަށް މި ބާގާ ބަންސް ބޭނުންކޮށްގެން "ސްލޮޕީ ޖޯސް" ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެކެވެ. އަންނަ ހަފްތާ އެބައި ގެނެސްދޭނަމެވެ.