04 May 2020, 21:46
ރާއްޖެއިން ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށް ކުރި ޚަރަދުތައް 665.4 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
ސަރުކާރުން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ޚަރަދުތަކުގެ ތަފްސީލު އަންގައިދިނުމަށް ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު އާންމުކުރާ ރިޕޯޓު މިއަދު ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން އެންމެ ގިނަ ޚަރަދުތަކެއް ކުރެވިފައިވަނީ ޕީޕީއީ ފަދަ ސިއްހީ އެކި އާލާތްތައް އަދި ބޭސް ފަރުވާގެ ތަކެތި ހޯދުމަށެވެ.
ސަރުކާރުގެ އިދާރާތަކުގެ ތެރެއިން މި ޚަރަދުތަކުގެ 91.2 ޕަސެންޓް ޚަރަދުކޮށްފައި ވަނީ ހެލްތު މިނިސްޓްރީ އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީންނެވެ.
ވަކި ވަކި އިދާރާތަކަށް ބަލާލާއިރު ޑިޒާސްޓާ މެނޭޖްމެންޓްއިން ވަނީ 387.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި ހެލްތު މިނިސްޓްރީއިން ވަނީ 135.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ޕްލޭނިންގް މިނިސްޓްރީގެ އެކި އެކި ބޭނުންތަކަށް 27.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެމްއެންޑީއެފްގެ އެކި އެކި ބޭނުންތަކަށް ވަނީ ފަސް މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ފޮރިން މިނިސްޓްރީއިން ޖުމްލަ 3.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އެންސްޕާއިން ވަނީ 2.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މި ޚަރަދުތަކަށް ފައިސާ ހޯދުމުގައި ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ ބޭނުންކޮށްފައިވާއިރު، ޓޫރިޒަމް ފަންޑުން 15.9 މިލިއަން ރުފިޔާ އަދި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓްގައިވެއެވެ.
ސަރުކާރުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ ފަރާތްތައް އައިސޮލޭޓްކުރުމަށްޓަކައި ތަރައްގީ ކުރި ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސަރުކާރުން ކޮރޯނާވައިރަހާ ދެކޮޅަށް ޚަރަދުކުރި 665.4 މިލިއަން ރުފިޔާގެ ތެރެއިން 353.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވަނީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށެވެ. މީގެ އިތުރުންވެސް 20.7 ރުފިޔާ މިފަދަ ޒަރޫރީ ތަކެއްޗަށް ޚަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
މި ޚަރަދުތަކުގެ ތެރެއިން 110.6 މިލިއަން ރުފިޔާ ބޭނުންކޮށްފައި ވަނީ ސަބްސިޑީ އަދި މާލީގޮތުން އެކި ފަރާތްތަކަށް ހިލޭ އެހީ ފޯރުކޮށްދިނުމަށެވެ.
ސަރުކާރުގެ ހިންގުމަށް ބޭނުންވާ އާލާތްތައް ހޯދުމަށްޓަކައި 94.2 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު ބިމާއި އިމާރާތްކުރުމުގެ ބޭނުންތަކަށް 45.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ހިންގުމުގެ ޚިދުމަތްތަކަށް 32.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މަރާމާތުގެ ބޭނުންތަކަށް ޖުމްލަ ހަ މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ދަތުރުފަތުރުގެ ޚަރަދުތަކުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
މި ޚަރަދުތަކަކީ ސަރުކާރުގެ ފަރާތުން ކޮރޯނާވައިރަސް ހުއްޓުވުމަށްޓަކައި އޭޕްރިލް 30 ވަނަ ދުވަހާ ހަމަޔަށް ކުރެވިފައިވާ ހުރިހާ ޚަރަދުތަކެއްގެ ތަފްސީލުކަމަށް ރިޕޯޓުގައި ވަނީ ހިމަނާފައެވެ.