ކޮވިޑް-19 އިން އަރައިގަތުމަށް ހުރިހާ ގައުމުތަކުން އެކަތިގަނޑަކަށްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ކޮވިޑް-19 ރެސްޕޮންސް ކޮންޓެކްޓް ގްރޫޕްގެ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ކޮވިޑް-19ގެ ސަބަބުން މެމްބަރު ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ކަމުން އަރައިގަތުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެ ބައްދަލުވުމުގައި ޝާހިދު ރާއްޖެ ތަމްސީލްކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުންނެވެ.

"ޔުނައިޓެޑް އެގެއިންސްޓް ކޮވިޑް-19"، މިޝިއާރުގެ ދަށުން ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އެވެ. އެ ބައްދަލުވުމުގައި، ކޮވިޑް-19ގެ ސަބަބުން ދިމާވާ ސިއްހީ އަދި އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމުގައި މަލްޓިލޭޓަރިޒަމްގެ އުސޫލުތައް ކުރިއެރުވުމަށް މަޝްވަރާކުރެވުނެވެ.

މިނިސްޓަރ ޝާހިދުގެ ވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު މެމްބަރު ގައުމުތަކާ ހިއްސާ ކުރައްވައި، ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަކީ މައިގަނޑު އެއް ސިނާޢަތަކަށް އިގްތިސޯދު ބަރޯސާވެފައިވާ ގައުމުތަކެއްކަން ފާހަގަކުރައްވައި، ބޭރުން އަންނަ ލޮޅުންތަކުގެ އަސަރު އިގްތިސޯދަށް ވަރަށް ބޮޑަށް ކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ހުއްޓުމެއް އައުމާ ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން މިއަހަރު ދަށަށް ދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ނާމްގެ މެމްބަރުންގެ ގޮތުގައި ތިބި ކުދި ގައުމުތަކަށް ދިމާވާ މި ގޮންޖެހުންތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމަށް އެޖަމާޢަތުގެ މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެ. އަދި ވަކިން ހާއްސަކޮށް މިދަނޑިވަޅުގައި ގައުމުތަކުގެ ބޭރުގެ ދަރަނިތައް އަދާކުރުމުން މަޑުޖައްސާލުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ގައުމުތަކަށް ބޭނުންވާ އެހީ ހޯދުމަށާއި، ބޮޑެތި ގައުމުތަކުގެ ފަރާތުން ބޭނުންވާ ދުރުރާސްތާ އެހީ ހޯދުމުގައި ނާމްއިން އިސްދައުރެއް އަދާކުރާނެކަމަށް ކުދި ގައުމުތަކުން ގަބޫލުކުރާކަމަށެވެ.
މިދަނޑިވަޅުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ފަރާތުން، ހާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން، ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ނާމްގެ ޓާސްކްފޯސްއެއް އެކުލަވާލުމަށް އެ ސަމީިޓްގައި ވަނީ ނިންމާފައެވެ. ޝާހިދު ވަނީ އެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.

ނާމްގެ މެމްބަރު ގައުމުތަކަށް މިވަގުތު ބޭނުންވާ އަސާސީ ތަކެއްޗާއި ބޭހުގެ ބާވަތްތައް އެ ޓާސްކްފޯސްއާއި ހިއްސާކުރުމުން، ޓާސްކްފޯހުން އެހީދޭ ގައުމުތަކާ، ބައިނަލްއަގުވާމީ ޖަމްއިއްޔާތައް އަދި ހެޔޮއެދޭ އަމިއްލަ ފަރާތްތައް މެދުވެރިކޮށް މި އެހީތައް ހޯދުމަށް މަސައްކަތްކުރުމަށް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ލީޑްކުރުމުގައި އދގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާޢިދު އޮތްކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި އެކަމުން އަރައިގަނެވޭނީ އެންމެ އެކުއެކީ ގުޅިގެން މަސައްކަތްކޮށްގެންކަމަށް ވިދާޅުވެ، އެންމެން އެކަތިގަނޑަކަށް ވުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

ނަންއެލައިންޑް މޫވްމަންޓަކީ އދ ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޖަމްއިއްޔާއެވެ. ރާއްޖެއަކީ 1976 އޮގަސްޓް 15އިން ފެށިގެން ނާމްގެ ހަރަކާތްތެރި މެމްބަރެކެވެ. އެ މޫވްމަންޓްގައި 120 މެމްބަރު ގައުމުތައް ހިމެނެއެވެ.