04 May 2020, 21:08
ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމުން އެމީހުން ކަރަންޓީނު ކުރާނެ ކަމަށާއި އެކަމުގެ ހަރަދުކުރަން ޖެހޭނީ އެމީހަކު އަމިއްލައަށް ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.
އިންޑިއަން ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ 700 ރައްޔިތުން އެގައުމަށް ގެންދަން ނިންމާފައިިވާ ކަމަށެވެ. އެކަމަށް ޓަކައި ފެރީއެއް ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ފެރީ ޝެޑިއުލްކޮށްފައިވާ ތާރީހެއް ހާމައެއް ނުކުރެެއެެވެ. ބުނީ އެކަން ފަހުން އަންގާނެ ކަމަށެވެ. އިތުރު ފެރީތައް ބާއްވާނެ ކަމަށް ވެސް އެމްބަސީ އިން ބުންޏެވެ.
ފެރީގައި މީހުން ގެންދަން ނިންމާފައިވަނީ މާލެއިން އިންޑިއާގެ ކޮޗިން އަށެވެ. އަދި ކޮޗިންގަައި 14 ދުވަހަށް އެމީހުން ކަރަންޓީން ކުރާނެއެވެ.
މީހުން ގެންދިއުމުގައި އިސްކަން ދޭނީ މިހާރު ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައި ތިބި މާބަނޑު އަންހެނުންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށް ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
ރާއްޖޭގައި މިވަގުތު އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ.
އިންޑިއާއިން ވަނީ މީގެކުރިން ވެސް ޗައިނާ، އިޓަލީ، އިރާން، އަފްޣާނިސްތާން، މެލޭޝިޔާ އަދި ޖަޕާނުގައި ތިބި އެ ގައުމުގެ ރައްޔިތުން އެ ގައުމުތަކުން ގެންގޮސްފަ އެވެ.