04 May 2020, 20:27
ދިވެހިރާއްޖެއަށް ސިއްހީ އާލާތްތައް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިވެހި ސިފައިންގެ ޓެކްނިކަލް ޓީމުން ވެންޓިލޭޓަރެއް އުފައްދައިފިއެވެ.
ކޮރޯނާވައިރަހުގެ ނުރައްކާ ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ މި ދަނޑުވަޅުގައި ސިއްހީ އެކި އާލާތްތަކަށް މުޅި ދުނިޔެވެސް މިވަނީ ވަރަށް ބޮޑަށް ބޭނުންޖެހިފައެވެ.
އެމްއެންޑީއެފުން އުފެއްދި މި ވެންޓިލޭޓަރުގެ މައުލޫމާތު ހާމަކުރައްވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެމްއެންޑީއެފްގެ މި އީޖާދުން އެކަމަަނާ ހައިރާންކުރުވާފައިވާކަމަށް ވިދާޅުވެ ޓްވީޓުކުރައްވާފައެވެ.
ސިފައިންގެ ޓެކްނިކަލް ޓީމުގެ މި އުފެއްދުމަކީ ޕްރޮޓޯޓައިޕެއްކަމަށް އެމްއެންޑީފުން ބުނެފައިވާއިރު މި އީޖާދު ބޭނުންކުރެވެން ފެށޭނީ އަދި އިތުރު ތަހުލީލުތަކެއް ކުރުމަށްފަހުކަމަށްވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
މި ވެންޓިލޭޓަރގެ އުފެއްދުމުގެ މަސައްކަތް ސިފައިންގެ މެކޭނިކަލް ޓީމު (ސާރވިސް ކޯޕްސް) އިން ފަށާފައިވަނީ އޭޕްރިލް 18 ވަނަ ދުވަހުކަމަށް އެމްއެންޑީފް އިން ބުންޏެވެ.
ކޮރޯނާވައިރަހުގެ ވަބާއިގައި ޖެހޭ މީހުންނަށް އެންމެ ނުރައްކާތެރި ދަނޑިވަޅުތަކުގައި ފަރުވާދިނުމަށް އެންމެ ބޭނުންތެރި އެއް އާލާތްކަމުގައިވާ ވެންޓިލޭޓަރެއް އުފެއްދުމަށްޓަކައި އެމްއެންޑީއެފުގެ މި ޓީމުން ބޭނުންކޮށްފައިވަނީ ހަލާކުވެފައިވާ ބައެއް އިލެކްޓްރޯނިކް ސާމާނުގެ ބައިތަކެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ވެންޓިލޭޓަރު އުފެއްދުމަށްޓަކައި މުޅިއަކު 14 ދުވަސް ވަނީ ހޭދަވެފައެވެ.
ސިފައިން އުފެއްދި މި ވެންޓިލޭޓަރު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ފޮޓޮއާއިއެކު ޓްވީޓުކުރައްވަމުން މިނިސްޓަރު މާރިޔާ ވަނީ ވެންޓިލޭޓަރު މަސައްކަތްކުރައްވާތީވެ އެކަމާއި އުފާފާޅުކުރައްވައިފައެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ވެންޓިލޭޓަރާއި ބެހޭގޮތުން ޓްވީޓުކުރައްވަމުން ޗީފް އޮފް ޑިފެންސް މޭޖާރ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މިއީ ދިވެހި ސިފައިނަށް އައި މުޅިން އާ ހަރުފަތެއްކަމަށެވެ.