04 May 2020, 20:24
ބެއިޖިންގް (4 މޭ 2020) :ކޮރޯނާ ވައިރަސް "ކޮވިޑް-19" އާ ގުޅިގެން ދުނިޔެ ޕެރަލައިޒް ވެފައި އޮތުމަށްފަހު އަލުން ހަރަކާތްކުރަން ފަށާމަންޒަރު ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން ފުރަތަމަ ފަހަރަށް ފެންނަން ފަށައިފިއެވެ.
ޗައިނާއިން ބުނީ މަސައްކަތް ތެރިންގެ އީދުކަމަށްވާ އެކެއް މޭގައި އެގައުމުގެ 86 މިލިޔަން މީހުން ގައުމުގެ އެކިކަންކޮޅުތަކަށް ޗުއްޓީގައާއި އާއިލާގެ މެންބަރުންނަށް ޒިޔާރަތް ކުރުންފަދަ ކަންކަމުގައި ދަތުރުތައް ކުރިކަމުގައެވެ. މީގެތެރޭގައި އެތެރޭގެ ވައިގެ ދަތުރުތައްވެސް ހިމެނެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ތިން މަސްވަންދެން ޗައިނާގެ ރައްޔިތުންގެ ފުރަބަންދުގައި ތިބެ ބޮޑެތި ވޭންތަކެއް އުފުލުމަށްފަހު މިދިޔަ މަހުގެ ފަހުކޮޅު ޗައިނާވަނީ ކޮވިޑް-19 ކުރުމަށްފަހު ފުރަބަންދުގެ ފިޔަވަޅުތައް މަޑުމަޑުން އުވާލައި ބޭރަށް ނުކުމެ އުޅުމާއި ދަތުރުކުރުމާ އަދި މަސައްކަތަށް ނުކުމެ އުޅުމުގެ ހުއްދަ ދޭން ފަށާފައެވެ. މިއާއެކު ޗައިނާގެ އިގްތިސާދު އަލުންވަނީ ހަރަކާތްކުރަންވެސް ފަށާފައެވެ.
އެމެރިކާއަށް ކޮވިޑް-19 ކޮންޓްރޯލެއް ނުކުރެވެއެވެ. ނަމަވެސް އެމެރިކާ ވަނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ދޫދޭން ފަށާފައެވެ. އެމެރިކާގެ ބައެއް ސްޓޭޓްތަކުން އެއްގައުމު ދަތުރުތައް ފަށާފައިވާއިރު ވައިގެ ދަތުރުތައް ފަށަންވެސް އެމެރިކާގެ ބައެއް އެއާލައިންސްތަކުން ދަނީ ތައްޔާރުވަމުންނެވެ.

އެމެރިކާގެ ސައުތްވެސްޓް އެއާލައިންސް ގެ ބޯޓެއް
އެމެރިކާގެ އެންމެ ބޮޑު އެއް އެއާލައިންސް ކަމަށް ސައުޓް ވެސްޓް އެއާލައިންސް އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ދުނިޔެ ޕެރަލައިޒް ވެފައި އޮތުމަށްފަހު ޗައިނާއާއި ޔޫރަޕްގެ ބައެއް ގައުމުތައް ހުޅުވާލަން ފެށުމުން އުންމީދު އާވެ ވައިގެ ދަތުރުތައް އަލުން ފަށަން ތައްޔާރުވަމުންދާކަމުގައެވެ.
އެ ކުންފުނީގެ ސީއީއޯ ގެރީ ކެލީ ވިދާޅުވީ ފަސިންޖަރުންނާއި ބޯޓުގެ ފަޅުވެރިން މާސްކް އާއި އެނޫންވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުފަތުރު އަލުން ކުރެވިދާނެކަމަށް ޔޫރަޕާއި ޗައިނާގެ ކުންފުނިތައްވެސް ގަބޫލުކުރާ ކަމުގައެވެ. ގައިދުރުކަން ބެހެއްޓުމަށްޓަކައި މަތިންދާ ބޯޓުތަކުގެ ދެގޮނޑިން އެއްގޮނޑި ހުހަށް ބަހައްޓާގޮތަށްވެސް ދަތުރުތައް ފެށިދާނެކަމާއި ގެއްލުމާއެކުވެސް ދަތުރުތައް ފެށުމުގެ މުހިއްމުކަން ކެލީ ފާހަގަ ކުރެއްވިއެވެ.
އެމެރިކާ ފިޔަވައި އެނޫން ގައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ވައިގެ ދަތުރުފަތުރަށާއި ފަތުވެރިކަމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ދުވަސްތައް އެމެރިކާއާއި ބްރަޒިލްފަދަ މަދު ގައުމަކުން ނޫނީ މިހާރު ކަޑައްތު ކޮށްފައިވާކަން ކެލީ ފާހަގަ ކުރެއްވިއެވެ.
ކޮވިޑް-19 އާއެކު ދުނިޔެ ޕެރަލައިޒް ވެފައި އޮތުމަށްފަހު އޭޝިއާއާއި ޔޫރަޕްގެ ގައުމުތައް އިގްތިސާދީ ހަރަކާތްތައް އަލުން ފެށުމަށް މަސައްކަތް ކުރާއިރު ކޮންމެ ދަތުރަކަށްފަހު މަތިންދާބޯޓުތަކުގެ އެތެރެ ފުރިހަމައަށް ޑިސްއިންފެކްޓް ކުރުމަށްވެސްދަނީ ތައްޔާރުވަމުންނެވެ.
އޭޝިއާއަށް ބަލާއިރު ޗައިނާއާއި ދެކުނު ކޮރެއާ ވަނީ އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފައެވެ. މެލޭޝިއާއާއި ވިއެޓްނާމް އަދި އިންޑޮނީޝިއާފަދަ ގައުމުތަކުންވެސް ގެންދަނީ މިކަމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ސިންގަޕޫރާއި ޖަޕާނުގެ ހާލަތު އަދި ގޯހެވެ. ވިއެޓްނާމުންވަނީ ސްކޫލްތައްވެސް ދެދުވަހެއްގެ ތެރޭގައި އަލުން ފަށާނެކަން އިޢުލާންކޮށްފައެވެ. ޖަޕާނުންވަނީ މި މޭ މަހުގެ ނިޔަލަށް ފުރަބަންދުގެ ފިޔަވަޅުތައް ދިގު ދެންމުމަށް ނިންމާފައެވެ.
އިންޑިއާއިން ނިންމާފައިވަނީ އަދި ފުރަބަންދުގެ ފިޔަވަޅުތައް ކުރިޔަށް ގެންދިޔުމަށެވެ. ޕެސިފިކް ސަރަހައްދަށް ބަލާއިރު ނިއުޒިލޭންޑުންވަނީ ބުރަ މަސައްކަތްތަކެއް ކޮށްގެން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްފަހު އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފައެވެ.
ޔޫރަޕަށް ބަލާއިރު އިނގިރޭސިވިލާތް ފިޔަވައި އެހެން ގައުމުތަކުންފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިތައްދިނުމަށްފަހު އިގްތިސާދީ ހަރަކާތްތައް ފުރިހަމަ ނޫންގޮތަށް ނަމަވެސް ވަނީ އަލުން ފަށާފައެވެ. ޔޫރަޕުން އިގްތިސާދީ ހަރަކާތްތައް އަލުން ފެށީ ކޮވިޑް-19 ކޮންޓްރޯލް ކުރެވިގެނެއް ނޫނެވެ. ނަމަވެސް ކުރިޔަށްވުރެ ހާލަތު ރަނގަނޅުވެ އެރޯގާ ޖެހޭމީހުންނާއި އޭގެ ސަބަބުން މަރުވާމީހުންގެ އަދަދު ކުރިއާ އަޅާބަލާއިރު ދަށަށްދާން ފަށާފައިވާތީއެވެ.
އިނގިރޭސިވިލާތުގައި އަދިވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ގިނަވެ އެރޯގާގައި މަރުވާމީހުންގެ އަދަދުވެސްދަނީ ގިނަވަމުންނެވެ. އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނީ ޖުލައި ހިސާބުގައި ކަމަށްވަނީ އަންދާޒާކޮށްފައެވެ. ލެޓިން އެމެރިކާއަށް ބަލާއިރު ބްރަޒީލުގައި ކޮވިޑް-19 ކޮންޓްރޯލް ނުވުމުގެ ސަބަބުން ދާޚިލީ ބޮޑު އަރާރުންތަކަކާއި ދެބަސްވުންތަކެއް ވަނީ އުފެދިފައެވެ.
ގަލްފަށްބަލާއިރު އީރާނުގައި ކޮވިޑް-19 ކޮންޓްރޯލް ނުވިނަމަވެސް އެރޯގާ ޖެހޭމީހުންނާއި އޭގެ ސަބަބުން މަރުވާމީހުންގެ އަދަދުވަނީ ދަށްވެފައެވެ. މިއާއެކު އީރާނުންވަނީ އެތެރޭގެ ދަތުރުތަކާއި އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފައެވެ.
އަރަބި ދުނިޔެއަށް ބަލާއިރު ޔޫއޭއީ ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބީތަކެއް ހޯދާފައެވެ. އަދި އެގައުމުން ގެންދަނީ އެރޯގާ އެއްކޮށް ކޮންޓްރޯލް ނުކުރެވުނު ކަމުގައިވިޔަސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ވައިގެ ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތައް އަލުން ފެށުމަށް ތައްޔާރުވަމުންނެވެ.
ސައޫދީގައިވެސް މައްކާ ފިޔަވައި އެނޫން ސަރަހައްދުތަކުގައި ފުރަބަންދުގެ ފިޔަވަޅުތަކަށްވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކުން ލުއިތައް މިދެނީ ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކުގައެވެ. (ނޫސްއެޖެންސީތައް)