ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 1،500 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ހަފްތާއެއް ތެރޭ ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގައި ކޮރޯ ރާއްޖޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް19 ފެތުރެމުންދާ ގޮތަށް ބަލާއިރު، ވައިރަސް އެންމެ ބޮޑަށް ފެތުރިގެންދަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި ކަމަށެވެ. އަދި ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ގޮންޖެހުންތައް ހުރަސް ކުރުމަށްޓަކައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބީދޭސީން އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވއިެވެ.

"ބަންގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ގައުމުގެ 1،500 މީހަކު، އެ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ރައިސް އިތުރަށް ވިދާޅުވީ، ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގުޅީފަލާއި ހުޅުމާލެ އަދި ކ. ވިލިވަރުގައި ތަންތަން ހަދައި، އެ މަސައްކަތްތަކުގެ ފުރަތަމަ ފޭސް މިހާރު ނިމިފައިވާ ކަމަަށެވެ.

"ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި، އެ ތަންތަނަށް 3،000 މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން.،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ބިދޭސީންގެ މައްސަލައަކީ ވަރަށް ޒަމާންވީ ކުރިއްސުރެވެސް ރައްޖެއަށް ދިމާވެފައިވާ މައްސަލައެކެވެ. އަދި މި މައްސަލައަށް މި ސަރުކާރުން ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ އުންމީދު ރައީސް ސޯލިހު ދެއްވިއެވެ.

"ގިނަ އަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމުވެސް އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ހަފްތާއެއްތެރޭ 1،500 ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އިރު، ދާދިފަހުން ބަންގްލަދޭޝް އަސްކަރިއްޔާގެ ބޯޓެއްގައި އެގައުމުގެ 60 އެއްހާ މީހުން ވަނީ ގެންގޮސްފަ އެވެ. އެއީވެސް ހުސް ގަވާއިދާއި ހިލާފަށް އުޅުނު މީހުންނެވެ.

ކޮރޮނާވައިރަސް މާލެއިން ފެތުރުމުގެ ކުރިން ސަރުކާރުން ވަނީ ގައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީން ރަޖިސްޓްރީވުމަށް ހުޅުވާލާފައެވެ. އެ ފުރުސަތުގައި 800 އެއްހާ ބިދޭސީން ރަޖިސްޓްރީކުރިއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ލައްކައަކާ ގާތްކުރާނެ ކަމަށާއި، އެ ހުރިހާ އެންމެން ހައްޔަރުކޮށްގެން ގެންގުޅޭނަމަ އެކަން ކުރުމަށް ގާއިމުކުރާ ފެސިލިޓީއެއް ހެދުމަށް ދާ ޚަރަދުގެ އިތުރުން ކޮންމެ މަހަކު 300 މިލިއަނެއްހާ ރުފިޔާ ހަަދުކުރަން ޖެހޭނެ ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި 300 ބިދޭސީން ގައުމަށް އަނބުރާ ފޮނުވާލެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 49.9 ޕަސަންޓް މީހުންނަކީ، ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވްވެފައި ވަނީ، ތޮއްޖެހިފައިވާ ތަންތަނުގައި ބިދޭސީން ދިރިއުޅޭ ސައިޓުތަކުންނެވެ. އެގޮތުން އެއްތަނެއްގައި ތިބި 95 ބިދޭސީއަކުވެސް މިދިޔަ ހަފްތާގައި ވަނީ ޕޮޒިިޓިވްވެފައެވެ.

މިހާރު ސަރުކާރުން އަންނަނީ އެފަދަ 23 ސައިޓެއްގައި ދިރިއުޅެމުން އަންނަ އެއްހާހަށްވުރެ ގިނަ މީހުން މޮނީޓާ ކުރަމުންނެވެ. އެ ތަންނުގެ ތެރެއިން އަދި މިހާތަނަށް ޓެސްޓުތައް ހަދާފައިވަނީ ހަތް ތަނެއްގައެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. ސަރުކާރުން ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދުމަށްޓަކައި ފެށީ ރެގިއުލަރައިޒޭޝަންގެ ޕްރޮގްރާމްގައި 30،000 އަށްވުރެ ގިނަ ބިދޭސީން ރަޖިސްޓްރީ ކުރިއެވެ.