މިހާރު އިނގިރޭސި ކުލަބުތައް ކުޅެމުންދާ ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ކުރީގެ ޗެލްސީ ކޯޗު ކާލޯ އެންޗެލޮޓީ އިނގިރޭސި ފުޓުބޯޅަ އަށް ފާޑު ކިޔައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރު ކުރި ޗެލްސީ އާއި އާސެނަލް އަށް އިޓަލީ ކުލަބުތައް ކައިރިން ކާމިޔާބު ހޯދުމަށް އުނދަގޫ ވާނެ ކަމަށް ވެސް އެންޗެލޮޓީ ބުންޏެވެ.

މެންޗެސްޓާ އަށް ނިސްބަތްވާ ދެކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ކޮލިފައި ނުވުމުން އިނގިރޭސި ފުޓުބޯޅަ އަށް ބޮޑު ފާޑުކިއުމެއް އަމާޒުވެފަ ވެއެވެ. އެންޗެލޮޓީ ވެސް އިނގިރޭސި ފުޓުބޯޅަ އަށް ފާޑު ކިޔާފައި ވަނީ އެދެކުލަބު ދެވަނަ ބުރަށް ކޮލިފައި ނުވުމުން ކަމަށް އޭނާ ބުނެ އެވެ.

"އިޓަލީ ކުލަބުތަކާއި އިނގިރޭސި ކުލަބުތައް ކުޅެނީ ހަމަހަމަ މެޗުތަކެއް. ނަމަވެސް އިޓަލީ ވާނީ ފޭވަރިޓުން ނަށް. އިޓަލީ ފުޓުބޯޅަ ކުރިއަށް ދާއިރު، އިނގިރޭސި ފުޓުބޯޅައިގެ ކުޅުން ދަނީ ދަށަށް. އޭގެ އެއް މިސާލަކީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކަޓައިގެން ދިއުން." އެންޗެލޮޓީ ބުންޏެވެ.

އެންޗެލޮޓީ އަކީ އޭސީ މިލާނަށް ދެފަހަރު ޗެމްޕިއަންސް ލީގު ހޯދައި ދިނުމުގައި އެހީތެރިވެދިން ކޯޗެކެވެ. އޭސީ މިލާނާއި އަނެއްކޮޅުން ބައްދަލުކުރާ އިނގިރޭސި ކުލަބުކަމަށްވާ އާސެނަލް އަތުން ފަސޭހަ ކަމާއެކު މޮޅުވާނެ ކަމަށް ވެސް އެންޗެލޮޓީ ބުނެފައި ވެއެވެ.

"އަހަރެންނަކީ މިލާނުގެ ސަޕޯޓަރެއް. މިލާނަކީ މޮޅު ކުލަބެއް. އެކުލަބުގައި މޮޅެތި ކުޅުންތެރިންތަކެއް އެބަތިބި. މިލާނަށް ކާމިޔާބީ ލިބޭނެ. ނަޕޯލީ އަށް ވެސް ޗެލްސީ އާއި ދެކޮޅަށް ހަމަހަމަ ކުޅުމެއް ދެއްކޭނެ." އެންޗެލޮޓީ ބުންޏެވެ.