04 May 2020, 17:40
ކުރިއަށް އޮތް ދެހަފްތާއަކީ، ރާއްޖޭގެ ކޮރޯނާވައިރަސްގެ ހާލަތު އިތުރަށް ގޯސްވެދާނެ ދުވަސްތަކެއް ކަމަށާއި އިތުރަށް ސަމާލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިއަދު ހަވީރު ގައުމާ މުހާތަބުކުރައްވާ ވިދާޅުވީ، ރާއްޖޭގައި ސިއްހީ މާހިރުންގެ އަންދާޒާތަކުން ދައްކާ ގޮތުން ކުރިއަށް އޮތް ދެހަފްތާއަކީ މުހިންމު ދެހަފްތާކަމަށެވެ. އެގޮތުން ކޭސްތަކުގެ އަދަދު މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފްތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ދަނޑިވަޅަކީ، ރާއްޖެއަށް ސިއްހީ ހިދުމްތެތެރިން އިތުރަށް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އެހެން ކަމުން ހިދުމަތުން އެއްކައިރިވެ، ރިޓަޔާ ކުރައްވަިގެން ތިބެއްވި ފަރާތްތަކަށްވެސް ހިދުމަތަށް ނުކުންނެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑު ދަންނަވާނީ، މިއީ ތިޔަ ބޭފުޅުން އެނބުރި ހިދުމަތަށް ވަޑައިގަންނަވަންވީ ވަގުތޭ. ގައުމު މިއަދު ތިޔަ ބޭފުޅުންގެ ހިދުމަތަށް ނުހަނު ބޮޑަށް ބޭނުންވޭ. އަދި ސިއްހީ ހިދުމަތްދޭ ޕްރައިވެޓް ތަންތަނުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އެހީތެރިކަން ވެސް މިވަގުތު ވަރަށް ބޮޑަށް ބޭނުންވޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، މިވަގުތު އިތުރު މީހުން ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، އަދިވެސް ވައިސް ފެތުރުން ހުއްޓުވުމަށް ކުރައްވާ މަސައްކަތުގެ އުންމީދު ގެއްލުވާ ނުލާކަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތުން ވައިރަސް ފެތުރުން ކޮންޓްރޯލުން ނެއްޓިގެން ނުދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކުރިން އަންދާޒާކުރި ހަލުވިމިނުގައި، މި ބަލި ރާއްޖޭގައި ނުފެތުރި މިއޮތީ، މާތް ﷲގެ ވާގިފުޅާއެކު، ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
މިހާރު ދިމާވެފައިވާ އުނދަގޫތައް ތަަހައްމަލްކުރައްވައި، ކެތްތެރިކަމާއެކު ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ރައީސް ޝުކުރު އަދާ ކުރެއްވިއެވެ.
ރާއްޖެއިން ކޮވިޑް19 ނައްތާލުމަށްޓަކައި، ގިނަ ބަޔަކު އާއިލާއާއި އަނބިދަރީންނާ ދުރުގައި ރެޔާ ދުވާލު މަސައްކަތްކުރަމުން ދާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ބައްޔާ ދެކޮޅަށް ކުރީސަފުގައި މަސައްކަތްކުރާ ހުރިހާ ހިދުމަތްތެރީންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިހާތަނަށް ރައްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 441 އަކަށް އަރާފައެވެ. އޭގެ ތެރެއިން 17 މީހަކު ވައިރަހުން ރަނގަޅުވިއިރު، އެކަކު ވަނީ މަރުވެފައެވެ.