ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 14 މީހަކު މިއަދު ފެނި، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 541 އަށް އަރައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިއްޔެއާ ހަމައަށް ރާއްޖެއިން ކޮވިޑް19 ޖެހިފައިވަނީ ޖުމްލަ 527 މީހުންނަށެވެ.

ނަމަވެސް މިއަދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ އަދަދު މިހާރު ހުރީ 541 ގައި ކަމަށެވެ.

ނަމަވެސް މިއަދު ފެނުނު 14 ކޭސް ނިސްބަތްވަނީ ކޮން ގައުމުތަކެއްގެ މީހުންނަކަށް ކަމެއް ނޭނގެއެވެ.

އިއްޔެއާ ހަމައަށް ރާއްޖެއިން ފެނިފައިވާ 527 ޕޮޒިޓިވް ކޭސްގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މީހުންނަކީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނެވެ. ބަލި ޖެހުނު ދިވެހީންގެ އަދަދަކީ 183 އެވެ.

ރައީސް މިއަދު ވިދާޅުވީ މާލޭގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރުނީ އެއް ތަނެއްގައި ތޮއްޖެހިގެން އުޅޭ ބިދޭސީންގެ މެދުގައި ކަމަށާއި، ބަލި ކޮންޓްރޯލުކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީވެސް އެއީ ކަމަށެވެ. އެހެންކަމުން އެފަދަ ތަންތަނުގައި ތިބި ބިދޭސީން މާލެއިން ބޭރަށް ބަދަލުކުރުމަށާއި، ގަވައިދާ ހިލާފަށް އުޅޭ ބައެއް ބިދޭސީން އެނބުރި ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެއިން ކޮރޯނާވައިރަހުގެ ކޭސްއެއް އޭޕްރިލް 15 ވަނަ ދުވަހު ފެނުނު ފަހުން މާލެ ފުރަބަންދުކޮށް، ރައްކާތެރިކަމުގެ ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާ އިރު، ވައިރަސް އިތުރަށް ފެތުރުނަ ނުދިއުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހަކީ، ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި، މާލޭގައި ބަލީގެ ހާލަތު އިތުރަށް ގޯސްވެދާނެ ދުވަސްވަރެއް ކަމަށާއި އެހެންކަމުން އެ ދުވަސްވަރުގައި އިތުރަށް ވިސްނުންތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު،" ރައީސް ވިދާޅުވިއެވެ.