މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައި ބިލް ގާނޫނު އަސާސީއާ ތައާރުޒްވާ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިިދާޅުުވެއްޖެ އެވެ.

އެގޮތުން އެ ބިލް މިހާރު އޮތް ގޮތުން ސީދާ ގާނޫނު އަސާސީއަ ހިލާފް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ. އަލިފުފީ ދާއިރަގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވެސް ވިދާޅުވީ އެ ބިލް ގާނޫނު އަސާސީއާ ތައާރުޒް ކަމަށެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް އެ ބިލް މިހާރު އޮތް ގޮތަށް ތާއިދު ނުކުރެވޭ ކަން ވަނީ ހާމަކޮށްފަ އެވެ.

"ކަނޑައެޅިގަން ގާނޫނު އަސާސީގައި ތިން އަހަރު (މިހާރު ތިބި ކައުންސިލަރުގެ މުއްދަތު) ކަމަށް ލިޔެފައިި އޮޮތްވާ ސިމްޕަލް މެޖޯރިޓީން ފާސްކުރާ ގާނޫނަކުން އަޅުގަނޑުމެންނަށް އެ މުއްދަތު ބަދަލުނުކޮށް އެ މުއްދަތު އިތުރެއް ނުކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ރޮޒައިނާ ވިދާޅުވި އެވެ.

ހާލަތު އޮތް ގޮތުން ގާނޫނު އަސާސީ ބަދަލުނުކުރެވޭ ނަމަ އޭގަ މާނައަކީ ދެކޮޅަށް އަމަލު ކުރުންތޯ ކަމަށް ވިދާޅުވެ ރޮޒައިނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. ނަމަވެސް މި ހާލަތުގައި ވެސް ގާނޫނު އަސާސީއަށް ބަދަލު ނުގެނެވެންވީ ސަބަބެއް ނެތް ކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.

ބިލާއި ގުޅޭ ގޮތުން ހުރިހާ މެންބަރުން ވެސް ފާޅު ކުރެއްވި ހިޔާލުތަކަށް މަރުހަބާ ދަނަންވާކަން ފާހަގަކޮށް އަލިފުށީ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވަ ގޮތުގައި އެ ބިލް ގާނޫނު އަސާސީއާ ތައާރުޒުވާ ކަމަށެވެ.

އެ ބިލަށް ކުރިން ތާއީދު ނުކުރެއްވި ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި އިއްޔެ ކުރެވުނު މަޝްވަރާއަށްފަހު މިހާރު އެ ބިލަށް ތާއިދު ކުރައްވާ ކަން އިންތި ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ބިލަށް އޭރު ތާއިދު ނުކުރެއްވީ ކައުންސިލްތަކުގެ ދައުރު ދިގު ދަންމާލުމަށް އޮތުމުން ކަމަށެވެ،

"އެ ބައްދަލުވުމުގައި ގިނަ ބޭފުޅުން ދެއްކެވި ވާހަކަތަކަށް ރިޔާއަތް ކުރައްވައި ކޮމެޓީ މަރުހަލާގައި އެކަންކަމަށް ހައްލެއް ގެނެވިދާނެ ކަމަށް މި ބިލް ހުށަހެޅުއްވި މެންބަރު އިޝާރާތް ކުރައްވާފައިވާތީ މި ބިލާއި އެކު ކުރިއަށް ދިއުމަށް މިހާރު އެއްބަސް ވެވެނީ. އެހެން ނޫން ނަމަހީ މި ބިލަކީ އަޅުގަނޑަށް މާބޮޑަށް ތާއީދު ކުރެވޭހެން އޮތް ބިލެއް ނޫން،" އިންތި ވިދާޅުވި އެވެ.

ގާނޫނު އަސާސީ ބަދަލުކޮށްގެން ކައުންސިލްތަކުގެ ދައުރު ދަންމާލުމަކީ އެއްގޮތަކަށް ވެސް ތާއިދު ކުރައްވާ ކަމެއް ނޫން ކަން އިންތިފާހަގަކުރެއްވި އެވެ. ސަބަބަކީ މިހާލަތަކީ ގާނޫނު އަސާސީ ބަދަލު ކުރެވޭނެ ހާލަތެއް ނޫން ކަމަށް އިންތި ވިދާޅުވި އެވެ.