04 May 2020, 16:43
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ހަވީރު 5:30 ގައި އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ކުއްލި ގޮތަކަށް ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވަނީ، މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅޭ ގޮތުުން ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަސް 527 ކޭސް ފެނިފައިވާއިރު، 18 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އަދި މަރުވެފައިވާ މީހުންގެ އަދަދަކީ، އެކެކެވެ.
މާޗް މަހުން ފެށީގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިހާތަނަށް ވަނީ މި ވައިރަހުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރާއްޖެއަށް މުއްދަތެއް ނެތް ގޮތަށް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި، މާލެ ސަރަހައްދު ލޮކްޑައުންކޮށް، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޒަރޫޒީ ބޭނުމެއް ނެތި ދަތުރުކުރުން ހުއްޓާލުމަކީ، މިހާތަނަށް އެޅި އެންމެ ބޮޑު ފިޔަވަޅުތަކެވެ.