04 May 2020, 16:59
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރިޔާސީ ދައުރު ކޯޓު އަމުރެއްގެ ދަށުން ކުޑަ ދުވަސްކޮޅަކަށް ދިގު ދެންމުން އޭރު ގޯސްވި ފަރާތްތަކަށް، މިއަދު ކައުންސިލަރުންގެ ދައުރު ދިގު ދެންމުން ގޯސް ނުވާތީ ހައިރާންވާކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން، އޭރުގެ ރިޔާސީ ދައުރު ނިމޭ ތާރީޚު ކަމުގައިވާ ނޮވެމްބަރު 11 ގެ ކުރިން އިންތިހާބު އަލުން ބާއްވާ ނުނިމޭނެތީ، ނޮވެމްބަރު 17 އާ ހަމައަށް ވެރިކަމުގައި ހުންނެވީ އޭރުގެ ރައީސް ޑރ. ވަހީދުއެވެ. އެއީ ރައީސް ކަމަށް ބޭފުޅަކު އިންތިޚާބު ކުރެވެންދެން ވެރިކަމުގައި ހުންނެވި ފަރާތް އެ މަގާމުގައި ހުންނެވޭނެ ކަމަށް، ސުޕްރީމް ކޯޓުން ހުކުމްކުރުމާއި ގުޅިގެންނެވެ. އެކަމަށް އޭރުގެ އިދިކޮޅުގައި ތިއްބެވި އެމްޑީޕީން ވަރަށް ބޮޑަށް ފާޑު ކިޔެވެ.
އަނެއްކޮޅުން މިހާރު އުފެދިގެން އުޅޭ މައްސަލައަކީ، ކައުންސިލްތަކުގެ ތިން އަހަރުގެ މުއްދަތު ހަމަވާއިރު ކޮވިޑް19 ގެ ނުރައްކަލާ ގުޅިގެން އެ އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ކައުންސިލްތައް ހިންގާނެ ގޮތަކާއި މެދު އުފެދިފައިވާ ސުވާލެވެ.
އެކަން ހައްލު ކުރުމަށް ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދިގު ދެންމޭނެ ގޮތް ހެދުމަށް ވެރިކަންކުރާ އެމްޑީޕީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.
ކައުންސިލްތަކާއި ކައުންސިލަރުންނަށް ހަނދާނެ ގޮތަކާއި މެދު އެމްޑީޕީގެ މެންބަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުން އުފެދިފައިވާއިރު ވަކި ޕާޓީއަކަށް ނިސަބަތް ނުވާ މެންބަރެއްގެ ގޮތުގައި ހުންނެވި އުޝާމް ވިދާޅުވީ، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމެއް މަޖިލީހުގެ "ސިމްޕަލް" މެޖޯރިޓީން ފާސްކުރާ އާންމު ގާނޫނަކުން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
"އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަން ނިމުނު ފަހުން ވެސް ކޯޓުގެ ހުކުމެއްގެ ދަށުން މުއްދަތު އިތުރުކުރި ކަމަށް. އޭރެގައި މައްސަލައެއް ކަމަށް އެންމެ ބޮޑަށް އިދިކޮޅަށް ވަކާލާތު ކުރެއްވި ބޭފުޅުން މިއަދު މިކަން ކުރުމަށްޓަކައި ޖަސްޓިފިކޭޝަނެއްގެ ގޮތުގައި އެ ވާހަކަ ދައްކަވާތީ ވެސް އަޅުގަނޑު މި ހުންނަނީ ހަމަ ހައިރާން ވެފައި. އޭރުގައި އެކަންތައް ގޯސްކަމުގައި ވަނީ ނަމަ މިއަދު މިިކުރާ ކަންތައް ވެސް އެބޭފުޅުންނަށް ހަމަ ގޯސް ވާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އުޝާމް ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ބުނަނީ ކައުންސިލްތަކުގައި ތިބެނެ ޖެހޭނީ އިިންތިހާބް ކުރާ ބައެއް ކަމަށާއި އެހެންކަމުން ރައީސް އައްޔަނު ކުރާ މީހަކަށް ކައުންސިލްތައް ހިންގިދާނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
"މިކަމަކީ ވަރަށް ގިނަ މެންބަރުންގެ ހިޔާލުތަފާތުވުން އޮތް ކަމެއް ކަމަށް ވުމުން މި ކަމުގައި ކައުންސިލަރ ޖެނަރަލްގެ ލަފަޔަކީ ކޮބައިތޯ ބައްލަވައި ދެއްވުމަކީ ވެސް މުހިންމު ކަމެއް އަޅުގަނޑު ދެކެން،" އަުޝާމް ވިދާޅުވި އެވެ.
އެ ބިލް މިއަދު މަޖިލީހުން ބަލައިގަނެފައިވާއިރު، ބިލު ހުށަހެޅުއްވި މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކޮމިޓީ މަރުހަލާގައި އިސްލާހުތަކެއް ގެނައުމާއި މެދު އިއުތިރާޒެއް ނެތްކަމަށެވެ.