ހާއްސަ އެހީއަށް ބޭނުންވާ 700 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޔުނިސެފް އާއި ޖެންޑާ މިނިސްޓްރީ އަދި ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓްރީ ގުޅިގެން ފަށައިފިއެވެ.

މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ޔުނިސެފާ ޖެންޑާ މިނިސްޓްރީ އާއެކު، ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ 700 ވަރަކަށް އާއިލާއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި 700 ޕެކް ޑެލިވާކޮށްދިނުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މިހާރު ކުރިއަށް އެބަގެންދަން މިހާރު ގާތްގަނޑަކަށް އޭގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް ވަނީ ޑެލިވާ ކޮށްދެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީ އިން ވަނީ އެ މިނިސްޓްރީގެ ވޮލަންޓިއަރުންނާއެކު މާލެ ސަރަހައްދުގައި ފަގީރުންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ 436 ގެބީސީ އަކަށް ކަދުރު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ އެ 436 ގޭބީސީގެ ތެރެއިން ފޯނުން ގުޅުނު ހުރިހާ ގެއަކަށް ކަދުރު ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް އަސާސީ ކާބޯތަކެއްޗާއި ޒަރޫރީ މުދާ ހޯދުމުގައި ރައްޔިތުންނަށް ދަތިވުމުން ފިހާރަތަކުން އެތަކެތި ޑެލިވަރީކޮށްދޭނެ ވޮލަންޓިއަރުން ހޯދުމަށް ޔޫތު މިނިސްޓްރީ އިން އިއުލާނު ކުރިއެވެ. އެ އިއުލާނަށް އިޖާބަދީ 500 އެއްހައި ވޮލަންޓިއަރުން ކުރިމަތިލިއެވެ. އޭގެ ތެރެއިން ކުށުގެ ރިކޯޑު ސާފު، ކޮންޓެކްޓް ޓްރޭސިން ހަދައި ވީހާވެސް މަދު ބަޔަކާއެކު ކުރި މަސައްކަތުން ބޮޑެތި ގިނަ ވިޔަފާރިތަކެއްގެ ޑެލިވަރީގެ މަސައްކަތުގައި މިނިސްޓްރީގެ ވޮލަންޓިއަރުން ބައިވެރިވިއެވެ.