އިސްލާމްދީނުގެ ދިފާއުގައި ބައެއް ސިޔާސީ ޕާޓީތަކުންނާއި މަދަނީ ޖަމިއްޔާތަކުން މާދަމާ ބާއްވާ މުޒާހަރާއާ ދިމާކޮށް އެމްޑީޕީން ވެސް މާދަމާ ކުރުމަށް ހަމަޖެއްސި މުޒާހަރާ ބޭއްވުމާ މެދު އަލުން ވިސްނުމަށާއި އެ މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާތީ، އެ ޕާޓީގެ އިސް މެންބަރުންތަކެއް ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ގެންދަވާ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން މުލީއާގޭގައި ރައީސް ނަޝީދާ ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ.

މިއަދު މެންދުރު 12:00 އިން ފެށިގެން މުލިއާގޭގައި ކުރިއަށްދާ އެ ބައްދަލުވުމަކީ ރައީސް ނަޝީދުގެ ދައުވަތަކަށް މެންބަރުންނާ އެކު ބާއްވަވާ ބައްދަލުވުމެއް ކަމަށް ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ. ނަމަވެސް އެ ބައްދަލުވުމާ ބެހޭ ތަފްސީލުތައް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

"މިހާރު ކުރިއަށްދާ މިބައްދަލުވުމުގައި މުޒާހަރާ ކުރުމާ މެދު މެންބަރުން ހިޔާލުތައް ވަނީ ބައިބައިވެފައި،" އެބައްދަލުވުމުގައި ބައިބެރިވެވަޑައިގެންނަވާ މެންބަރަކު ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރަކު މިއަދު ވިދާޅުވީ އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރަކުން މާދަމާ އެމްޑީޕީން ވެސް މުޒާހަރާއަށް ނުކުތުމަށް ނިންމާފައިވާ ނިންމުމާ މެދު ޕާޓީގެ އިސް ބޭފުޅުންތަކެއްގެ އިތުރުން އާއްމު ބައެއް މެންބަރުންނާއި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ވެސް ހިތްހަމަޖެހިވަޑައިނުގެންނަވާ ކަމަށާއި އަދި އެ މުޒާހަރާ ބޭއްވުމާ މެދު ގައުމީ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެއްގައި އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ސޮއިކުރަމުން ގެންދާ ކަމަށާއި އެ ޕެޓިޝަން ވަރަށް އަވަހަށް ގައުމީ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

"ޕާޓީގެ ގިނަ މެންބަރުންތަކެއް ބޭނުމެއް ނުވޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ މުޒާހަރާގައި ބައިވެރިވެވަޑައިގަތުމަކަށް. އެހެންވެ ޕާޓީގެ އިސް ބޭފުޅުންކޮޅެއް އިސްނަންގަވައިގެން އެ ޕެޓިޝަން ތައްޔާރުކުރީ. މިހާރު 50 އަށް ވުރެ ގިނަ މެންބަރުން ވަނީ ސޮއިކޮށްފައި،" އޭނާ ވިދާޅުވި އެވެ.

އެ ޕެޓިޝަން މިއަދުގެ ވަގުތެއްގައި ގައުމީ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.
އެމްޑީޕީން މާދަމާ ބާއްވަން އުޅޭ މުޒާހަރާ ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރަން ނިންމި ހިސާބުން ފެށިގެން ވެސް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ބޭފުޅުންތަކެއްގެ އިތުރުން ޕާޓީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ އެކަމަށް ފާޅުގައި އިންކާރުކުރައްވަމުންނެވެ.