04 May 2020, 14:12
ކައުންސިލަރުންގެ ދައުރު ހަމަވުމުގެ ކުރިން އިންތިހާބް ބޭއްވޭނެ ހާލަތެއް ނެތް އިރު މިހާރު ތިބި ކައުންސިިލަރުން އެ މަގާމުތަކުގައި ބެއިތިއްބުމުގެ އެނެމެ މުހިންމުކަން ފެންނަނީ މާލޭ ސީޓީ ކައުންސިލުން ކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ހަސަން ލަތީފް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން ހަސަން ލަތީފް ވަނީ އެ ބިލް ގާނޫނު އަސާސީއާ ހިލާފްވާ ކަމަށް ބައެއް މެންބަރުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވާފަ އެވެ. އެގޮތުން، ގާނުނު އަސާސީގައި ބުނެފައި އޮތީ ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ ކުރިން އިންތިހާބް ބާއްވަން ޖެހޭނެ ކަމަށް ބުނެފައި ކަމަށެވެ. އަދި އިންތިހާބް ނުބޭއްްވެއްޖެ ނަމަ ދެން ކަންތައް ކުރާނެ ގޮތެއް ބަޔާން ކޮށްފައި ނެތް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ދައުރު ހަމަވި ނަމަވެސް ކައުންސިލަރުން މަގާމްތަކުގައި ތިބެ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަން ހަސަން ލަތީފް ފާހަގަކުރެއްވި އެވެ. އެކަމުގެ މިސާލެއްގެ ގޮތުން ހަސަން ލަތީފް ދެއްކެވީ މާލޭ ސިޓީ ކައުންސިލެވެ.
" މިހާރު ތިބި ކައުންސިލަރުން އަދި މިހާރު ހުރި ކައުންސިލްތަކުގެ މަސައްކަތްކުރައްވަން ތިއްބެވި ކައުންސިލަރުން ތިބުމުގެ މުހިންމުކަން އެންމެ ބޮޑަށް އަޅުގަނޑުމެނަށް ފެންނަ ތަނަކީ މާލެ ސިޓީ ކައުންސިލް. ނިކަން ވިސްނައިވަޑައިގަންނަވާ މި މާލެ ސިޓީއަށް މިހާރު މެދުވެރިވެފައި އޮންނާނެ ގޮތް މަލޭ ސިޓީ ކައުންސިލް މަސައްކަތް ނުކުރާނަމަ،" ހަސަން ލަތީފް ވިދާޅުވި އެވެ.
ބިލަށް ގެންނަން ބޭނުންވާ އިސްލާހްތަކާއި ގުޅިގެން އެމްޑިޕީގެ ޕާލިމެންޓްރީ ގްރޫޕް މެންބަރުންނާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި އަދި ބަދަލުތައް ގެންވިދާނެ ކަން ވެސް ހަސަން ލަތީފް ފާހަގަކުރެއްވި އެވެ.
އެގޮތުން މިހާރު ތިބި ކައުންސިލަރުން އިންތިހާބެއް ބޭއްވެންދެން ކައުންސިލަރުންގެ މަސްއޫލިއްޔަތު އަދާކުރާ ބައެއްގެ ގޮތުގައި ބެހެއްޓިދާނެ ކަން ބައެއް މެންބަރުން ފާހަގަކުރެއްވި އެވެ.
މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ އެވެ.