04 May 2020, 14:49
ވޮޝިންޓަން (4 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" އެމެރިކާގައި ފެތުރުމުގެ ސަބަބުން އެގައުމުގެ އަށް ބިލިޔަނަރަކު އާދަޔާ ހިލާފަށް މުއްސަނދި ވެއްޖެކަމަށް ސާވޭއަކުން ހާމަވެއްޖެ އެވެ.
އެމެރިކާގެ މީޑިއާގައި ޝާއިޢުކޮށްފައިވާ މި ސާވޭ ބުނާގޮތުން މި އަށް ބިލިޔަނަރުންގެ މުއްސަނދިކަމުގެ ޖުމްލަ މިންވަރު ފާއިތުވި ދޮޅު މަސްތެރޭގައިވަނީ 238 ބިލިޔަން ޑޮލަރަށް ވަނީ މައްޗަށް ގޮސްފަ އެވެ. މި އަށް ބިލިޔަނަރުންގެ ލިސްޓްގެ އެންމެ ކުރީގައިވަނީ އެމެރިކާގެ މަޝްހޫރު އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް އެވެ. ބެޒޯސް އަކީ އެމެރިކާގެ މަޝްހޫރު ނޫސްކަމަށްވާ "ވޮޝިންޓަން ޕޯސްޓް" ގެ ވެރިޔާވެސްމެ އެވެ.
ބެޒޯސް އަކީ ކުރިންވެސް އެމެރިކާގެ މުއްސަނދިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ މަހުޖަނަކެވެ. ކޮރޯނާގެ ބަލިމަޑުކަމާ އެކު މީހުންގެ ދިރިއުޅުމަށް އައި ބަދަލާ އެކު، ބެޒޯސްގެ މުއްސަނދި ކަމަށް އިތުރުވެފައިވަނީ 37 ބިލިޔަން ޑޮލަރެވެ. އެފައިސާ އޭނާއަށް ލިބުނީ އޮންލައިން ޝިޕިންގް ވިޔަފާރީގެ ހަރަކާތްތަކުގެ ޑިމާންޑް ބޮޑުވެ އެ ވިޔަފާރި އާދަޔާ ހިލާފަށް ފުޅާވެ މައްޗަށް ގޮސްގެންނެވެ.

ވޮޝިންޓަންގެ ސީޓްލްގައި ހުންނަ އެމެޒޯން ކުންފުނީގެ މައި އޮފީސް
އޮންލައިން ޝިޕިންގް ގައި ބެޒޯސް ގެ ކުންފުނިތަކުން ކޮށްފައިވަނީ ބޮޑެތި ރީޓެއިލް ވިޔަފާރިތަކެވެ. ދުނިޔޭގެ އެކި ގައުމުތަކަށާއި އެމެރިކާގެ 50 ސްޓޭޓަށް އޭނާގެ ކުންފުނިތަކުން ކުރި އޮންލައިން ޝިޕިންގް ވިޔަފާރީގައި މިދިޔަ ޖަނަވަރީ މަހު އެކަނިވެސް 25 ބިލިޔަން ޑޮލަރު ގެ ފައިދާ ލިބިފައިވާއިރު ފެބްރުއަރީ މަހު 12 ބިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިފައިވެ އެވެ.
ބެޒޯސްގެ މަޝްހޫރު އަމަޒޮން ކުންފުންޏަކީ ވޮޝިންޓަންގެ ސީޓްލްސްގައި މައި މަރުކަޒު ހުންނަ މަލްޓިނެޝަނަލް ކޮންގްލޮމެރޭޓް ޓެކްނޮލޮޖީ ކުންފުންޏެކެވެ. އެކުންފުނީގައި 7 ލައްކަ 50 ހާސް މީހުން މަސައްކަތް ކުރެއެވެ. އަމަޒޮން ކުންފުނިން މައިގަނޑު ގޮތެއްގައި ކުރާ ވިޔަފާރީގެ ތެރޭގައި އީކޮމާސް، ކްލޮއުޑް ކޮމޕިއުޓިންގް، ޑިޖިޓަލް ސްޓްރީމިންގް އަދި އާޓިފިޝަލް އިންޓެލިޖެންސް އާ ގުޅޭ ވިޔަފާރިތައް ހިމެނެއެވެ. އަދި ތައްޔާރީ ހެދުމާއި ފަރުނީޗަރާއި ގަހަނާގެ ވިޔަފާރިވެސް ހިމެނެއެވެ.
މިއީ ދުނިޔޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް ބަލާއިރު އެދާއިރާގެ އެންމެ ބޮޑު ކުންފުނިތައްކަމަށްވާ ގޫގްލް، އެޕަލް، އަދި މައިކްރޯސޮފްޓް ފިޔަވައި ދެން އެންމެ ބޮޑު ކުންފުންޏެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި އެޅި ފުރަބަންދުގެ ފިޔަވަޅުތަކާއެކު އީ ކޮމާސްގެ ފުރުސަތު ބޮޑުވެ ޑެލިވަރީގެ ނިޒާމު ފުޅާވެގެން ދިޔުމުން ރީޓެއިލް ވިޔަފާރި ފުޅާ ކުރުމަށް ދުވަހަކުވެސް ލިބިފައިނުވާފަދަ ފުރުސަތުތަކެއް އަމަޒޮން އަށް ލިބިގެން ދިޔައެވެ.
އަމަޒޮންގެ އިތުރުން ކޮރޯނާ ގެ ޒަމާނުގައި ވިޔަފާރި ފުޅާވެ ބޮޑު ފައިދާ ލިބުނު ކުންފުނިތަކުގެ ތެރޭގައި ނެޓްފްލިކްސް ވެސް ހިމެނެއެވެ. ގޭ ބަންދުގައި ގިނަ ބަޔަކު ތިބެންޖެހުމުން އެކުންފުންޏަށް އިޝްތިރާކު ދެއްކި މީހުންގެ އަދަދު 16 މިލިޔަނަށް އިތުރުވެ ބެލުންތެރިންގެ އަދަދު 64 މިލިޔަނަށް އަރައިގެން ދިޔައެވެ.
ކޮރޯނާ އާ ގުޅިގެން ގައުމުތަކުގައި އެޅި ހަރުކަށި ފިޔަވަޅުތަކާއެކު އެމެރިކާގެ ބޮޑެތި މަލްޓި ނެޝަނަލް ބައެއް ކުންފުނިތަކަށް މިވަރުގެ ބޮޑު ފައިދާއެއް ކުއްލި ގޮތަކަށް ލިބުނުއިރު އެމެރިކާގެ ގިނަ ކުންފުނިތައްވަނީ ބަނގުރޫޓް ވެފައެވެ. ނުވަތަ ބަނގުރޫޓް ވުމުގެ މަގުމަތީގައެވެ.
އަދި އެމެރިކާގެ 27 މިލިޔަން މީހުން ވަނީ ވަޒީފާ ގެއްލި ފަގީރުންގެ ކެޓަގަރީއަށް ވެއްޓިފައެވެ. (ނޫސްއެޖެންސީތައް)