ނިޕޮން ހަތް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި އިއްޔެ ޔޫއެން ފްރެންޑްސް އާ ދެކޮޅަށް ކުޅުނު މެޗް ތަފާތު ބޮޑު ނަތީޖާއަކުން ހަރިކޭން ބީސީން ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މިމެޗް ހަރިކޭން ބީސީއިން ކާމިޔާބު ކުރީ 85 ޕޮއިންޓް 42 ޕޮއިންޓުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ހަރިކޭނަށް 19 ޕޮއިންޓް ހޯދައިދިން މުޙައްމަދު ކުވައިލިދެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ދަނީ ދެ ބުރަކަށް ބަހައިލައިގެންނެވެ. އެގޮތުން ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ދެ ވަނަ ބުރަށް ކޮލިފައި ވާނީ ގަދަ ހަތަރު ޓީމެވެ. މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ދެ ބުރު އެއްކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

މިމުބާރާތުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެޓީމަކީ ޑީބީސީ އާއި ޓީރެކްސް ބާސްކެޓް ބޯލް ކުލަބެވެ.

މީގެއިތުރުން މިހާރު ކުރިއަށްދާ 31 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި މިއަދު ބައްދަލުކުރާ ދެ ޓީމަކީ ޑީބީސީއާއި ކަސްޓަމްސް އެވެ. މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:15 ގައެވެ.