ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން 2012 ވަނަ އަހަރު ކުރިޔަށް ގެންދާ ޙަރަކާތްތަކުގެ ކަލަންޑަރު ޢާއްމުކޮށްފި އެވެ.

އަންނަ އަހަރުގެ އެތުލެޓިކްސް ކަލަންޑަރުގައިވާ ގޮތުން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ ގައުމީ ކަސްރަތުމުބާރާތް، އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް، އިންޓަ ސްކޫލް އެތުލެޓިކްސް މީޓް، އެޓޯލް އިންޓަ ސްކޫލް، ދިރާގު ބްރޯޑްބޭންޑް، ކްލަބް ޗެމްޕިއަންޝިޕް އަދި ހާފްމެރަތަން ޗެމްޕިއަންޝިޕެވެ.

ބައިނަލް އަގުވާމީ މުބާރާތްތަކުގެ ތެރެއިން ރާއްޖެއިން ބައިވެރިވުމަށް ނިންމާފައި ވަނީ ވާލްޑް އިންޑޯ ޗެމްޕިއަންޝިޕް، ވާލްޑް ޖޫނިއާ ޗެމްޕިއަންޝިޕް، އޮލިމްޕިކް ގޭމްސް، ވާލްޑް ހާފްމެރަތަން ޗެމްޕިއަންޝިޕް، އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ގޭމްސްގަ އެވެ.

ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރޭގައި ކިޑްސް ޗެމްޕިއަންޝިޕާއި ކިޑްސް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެތްލެޓިސް އެސޯސިއޭޝަންގެ ކަލަންޑަރުގައިވެ އެވެ. އަދި މީހުން ބިނާކުރުމުގެ ޕްރޮގްރާމްގެ ތެރޭގައި އިންޓަ ނޭޝަނަލް ލެވެލް 2 ކޯޗިން ކޯސް، އިންޓަނޭޝަނަލް ލެވެލް 1 އޮފިޝިއޭޓިން ކޯސް އަދި އޮފިޝިއޭޓިން ރިފްރޭޝާ ކޯސް ހިންގުމަށް އަންނަ އަހަރު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ގައުމީޕޫލާއި ކިޑްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މެދުނުކެނޑި ކުރިޔަށް ދާނެ ކަމަށް ވެސް އެތްލެޓިކްސް އެސޯސިއޭޝަނުން މަޢުލޫމާތުދެ އެވެ.