ކުކުޅު ބިހަކީ ފިސާރި ލަނޑު އަހަރެމެންނަށް ދޭ އެއްޗެކެވެ. ނިކަން ލޯބިން ބިސްތައް ރައްކާކޮށްގެން ގެންގުޅޭއިރު، ބިހުގެ އަސްލު މި އެނގެނީ، އެ ކުރަންއުޅޭ ބޭނުމަކަށް އެ ބިސް ތަޅާލުމުންނެވެ.

ކޮންމެއަކަސް، އިންސްޓަގްރާމުން ގާތް އެކުވެރިޔާ މަރިޔަމް އަހްމަދު (މަރީވީއެމްވީ) މިކަމަށް ހައްލެއް ކިޔާދީފިއެވެ. ފަހަރެއްގައި އެއްބަޔަކަށް އެނގިފައިވެސް އޮވެދާނެ އެވެ. އެކަމަކު ނޭނގިތިބި ބަޔަކަށް މިވާނީ ހަމަ 'ލައިފް ސޭވާރ' އަކަށެވެ.

'ދަ ފްލޯޓް ޓެސްޓް'

މިއީ ކުޑަ ސައިންޓިފިކް އެކްސްޕެރިންމެންޓެކޭވެސް ބުނެވިދާނެއެވެ. މި އެކްސްޕެރިމެންޓް ނުވަތަ ޓެސްޓަށް ކިޔަނީ 'ދަ ފްލޯޓް ޓެސްޓް' އެވެ. މި ޓެސްޓްގެ ނަތީޖާއަކަށްވާނީ ތާޒާ އަދި އާކޮށް ހުންނަ ބިސްތަކާއި، ދުވަސްވީ ނުވަތަ ހަލާކުވާން ކައިރިވެފައި ހުންނަ ބިސްތައް ވަކިކުރެވުމެވެ.

ބޭނުންވާނެ ތަކެތި

  • ބޮޑު ރަބަރު ތައްޓެއް (ޓެސްޓް ކުރަން ބޭނުންވާ ބިހުގެ އަދަދަކަށް އެކަށޭނަ)
  • ފިނި ފެން
  • ބިސް

ކުރިއަށްދާންވީ ގޮތް

ފުރަތަމަ އެ ތަށްޓެއްގެ ތެރެއަށް ފެން އަޅާލާށެވެ. އެންމެ ބިހެއް ޓެސްޓްކުރާނަމަ ފެންބޯން ބޭނުންކުރާ ބިއްލޫރި ތަށްޓެއްވެސް ނޫނީ ސައި ޖޯޑެއްވެސް ކަމުދާނެ އެވެ. އެއަށްފަހު ފެނުގެ ތެރޭގައި ބިސްތައް ބަހައްޓާށެވެ. މާ ބާރަކަށް ނޫނެވެ. އެހެންނޫންނަމަ އެކީއެކައްޗަކަށް ހުރިހާބިހެއްގެ ދުވަސްދިޔަޢީ އެވެ.

އެއަށްފަހު ފެނިގެންދާނީ ބައެއް ބިސްތައް ފެނުގައި ފްލޯޓް ކުރާތަނެވެ. ދެން ހުރި ބައެއް ބިސްތައް ފެނުގެ އަޑީގައި ނިކަން ހަމަޖެހިލާފައި ތިބޭނެއެވެ.

ނަތީޖާ

އެންމެ ތާޒާ އަދި ފެނުކައްކާން އެކަށޭނަ ވަރަށް ވުރެވެސް އާ ބިސްތައް ހުންނާނީ ތަށީގެ އެންމެ އަޑީގައި އޭގެ އެއްފަރާތް ޖައްސައިގެނެވެ.

ކެއްކުމަށް މިވަގުތަށް އެންމެ ފުރިހަމަ ބިސްތައް ހުންނާނީ ފެނުގެ އަޑީގައި ކޮޅަށް (އަޕްރައިޓްކޮށް، ޓިލްޓެޑް) ކޮށެވެ.

ބިސް ތަށީގެ އަޑިއަށް ނުގޮސް ފްލޯޓްވާނަމަ އޭގެ މާނައަކީ އެ ބިހަކީ ދުވަސްވީ، ހަލާކުވާން ގާތްވެފައި ނުވަތަ ހަލާކުވެފައިވާ ބިހެއްކަމެވެ.

ކެޕްޝަން..

މިއީ ކިހިނެއް ވާ ކަމެއް؟

ވަރަށް ހައިރާންވެއްޖެ ދޯ އެވެ. ފުޑްހެކްސް އިން ބުނާގޮތުން ކަންމިހެން މި ދިމާވަނީ ބިހުގެ ތޮށްޓަކީ 'ޕޯރަސް' ނުވަތަ ވައި އޭގެ ތެރެއަށް ދައުރުކުރާ އެއްޗަކަށްވާތީއެވެ. ތާޒާ ބިސްތަކުގައި މި ވައި ހުންނަ މިންވަރު މަދެވެ. އެހެންކަމުން އެ ބިސްތައް ދާނީ ފެނުގެ އެންމެ އަޑިއަށެވެ. އެހެންނަމަވެސް ދުވަސްވާވަރަކަށް އެ ބިހުގެ ތޮށީގެ ތެރެއަށް ވައި ވަންނަ ވަރު ގިނަވެފައި ފެނުގައި ފްލޯޓްވާނެ އެވެ.

އެހެން ގޮތްތަކެއްވެސް އެބަހުރި

ކުކުޅު ބިހަކީ އަހަރެމެންގެ ބަދިގެތަކުގައި މަގްބޫލްފަދައިން ފުޑް ސައިންޓިސްޓުންނަށްވެސް ހަމަ އެހާމެ ކަމުދާ ބާވަތެކެވެ. ބިސް ފެނުކައްކާނެ ގޮތާއި، ތޮށި ނޮޅާނެ ގޮތާއި ބެހޭ ތިއަރީތައް އެހާ ގިނައިން މިފެންނަނީ އެހެންވެ ކަމަށްވެދާނެއެވެ.

މި ނޫނަސް ބިހުގެ އުމުރު ދެނެގަތުމަށް އަމިއްލައަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން އެއްބަޔަކު ބުނާގޮތުން ކަންފަތް ކައިރި ބިސް ކުޑަކޮށް ތަޅުވާލުމުން ދިޔާއެއްޗެއްގެ އަޑު އިވޭނަމަ އެއީ ހަލާކުވެފައިވާ ނުވަތަ ހަލާކުވާން ކައިރިވެފައިވާ ބިހެކެވެ. އަޑެއް ނީވޭނަމަ މި ބިހުގައި އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް މިއީ ސައިންސްގެ އަލީގައި އެންމެ ތެދު ނުވަތަ ސާބިތުކުރެވިފައިވާ ޓޭސްޓެއް ނޫނެވެ.

ގެއަށް ބޭނުންވާ ބިސް އެއްފަހަރާ ތަންކޮޅެއް ގިނައިން ގަންނަންޖެހިފައިވާ މިދުވަސްކޮޅު، ބިސްތައް ގަތުމަށްފަހު މި ފްލޯޓް ޓެސްޓް ހެދުން ބުއްދިވެރިއެވެ.

އަހަރެންގެ އިންސްޓަގްރާމްގެ އެކުވެރިޔާ ބުނާގޮތުން އެގޭގައި ބިސް ތަންކޮޅެއް ގިނައިން ގަތުމަށްފަހު، ފްލޯޓް ޓެސްޓް ހަދައިގެން އެންމެ ފުރަތަމަ ބޭނުންކުރަން ނަގަނީ ހަލާކުވާން ކައިރިވެފައިކަމަށް ލަފާކުރެވޭ ބިސްތަކެވެ.

" ބިސް ގިނައިން ގަނެފައި ބަހައްޓާއިރު މިހެން ޓެސްޓްކުރީމަ އެބަ އެނގޭ އަވަހަށް ބޭނުންކުރަންވީ ބިސްތައް. މިހެން ހެދީމަ ގޭގައި ސްޓޮކް ކޮށްގެން ބިސްތައް އިތުރަށް ހަލާކުުވުމުން ދުރުކޮށްދީ، އެބަ އިސްރާފްވެސް ކުޑަވޭ، ގާތްގަނޑަކަށް 15 މިނިޓް ތެރޭ އެއް ބިސްޓްރޭ ޓެސްޓްކޮށް ނިންމާލެވުނު" އޭނާ ބުންޏެވެ.

ތިގޭގައިވެސް ޔަގީނުންވެސް ރޯދައަށް ކުކުޅުބިސްކޮޅެއް ގަނެފައިހުންނާނެއެވެ. ލަސްނުކޮށް އަވަހަށް ޓެސްޓްކޮށްލާށެވެ.