ކޮރޯނާވައިރަސް، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 20 އަހަރާއި 40 އަހަރުގެ މީހުން ކަމަށާއި ބަލި ޖެހުނު މީހުންގެ ކިބައިން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށް ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރު (އެންއޯއީސީ) އިން ބުނެފި އެވެ.

ރާއްޖެއިން މިހާތަނަށް ވައިރަހަށް 527 މީހަކު ޕޮޒިޓިވެފައިވާއިރު، 18 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. މަރުވި މީހުންގެ އަދަދަކީ، އެކެކެވެ.

ދަރުބާރުގޭ، އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވަނީ މިހާތަނަށް ޕޮޒިޓިވި މީހުންގެ މައުލޫމާތުތައް ހިމެނޭ ތަފާސް ހިސާބުތައް ހިއްސާކޮށްފަ އެވެ.

މިހާތަނަށް ފެނުނު ކޭސްތައް އުމުރުފުރައިން ---

ޑރ. އަފްޒަލް ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ޕޮޒިޓިވްވި 25 މީހުންނަކީ، އުމުރުން 32 އަހަރުގެ މީހުންނެވެ. އަދި 20 އަހަރާއި 40 އަހަރާ ދެމެދުގެ އުމުުރުފުރައިން ޕޮޒިޓިވްވި މީހުންގެ 10 އަކަށް ވުރެ މައްޗެވެ. މި އުމުރުފުރާތަކުންް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖެ އަދި ބަންގްލަދޭޝް މީހުންނެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި އެ އުމުރުފުރައިގެ މީހުންނަށް ގިނައިން ވައިރަސް ޖެހިފައި ވަނީ، އެ އުމުރު ފުރައިގެ މީހުންނަކީ، ގިނައިން ބޭރަށް ނުކުމެ "ހެލިފެލިވެ" އުޅޭ މީހުން ކަމަށްވާތީ އެވެ.

މިހާތަނަށް ފެނުނު ކޭސްތައް ނަސްލުން --

ޕޮޒިޓިވްވި މީހުންގެ ތެރެއިން 85.5 ޕަސަންޓް މީހުންނަކީ، ފިރިހެނުންނެވެ. އަދި 14.5 ޕަސަންޓް ހިއްސާ ކުރަނީ އަންހެނުންނެވެ.

"މީގެ ސަބަބަކަށް ވެދާނެ، މާރުކޭޓުން އެއްޗެހި ގަތުމާއި، ބޭރަށް ނުކުތުމާ އަދި ބިދޭސީންގެ ތެރޭގައިވެސް ގިނައީ ފިރިހެނުން ކަމަށް ވުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މިހާތަނަށް އެންމެ ގިނަ އަދަކަށް މީހުން ޕޮޒިޓިވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޕޮޒިޓިވްވި މީހުންގެ 49.9 ޕަސަންޓް މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ދިވެހިންގެ ހިއްސާއަކީ، 34.67 އެވެ. ދެން ޕޮޒިޓިވި މީހުންގެ އަދަދު ގިނައީ އިންޑީއާ އަށް ނިސްބަތްވާ މީހުންނެވެ. އެ މީހުންގެ ހިއްސާއަކީ، 10.86 އެވެ. އެހެން ގައުމުތަކުގެ އަދަދަކީ، 4.57 އެވެ.

މިހާތަށް ފެނުނު ކޮންޓެކްސްތަކުގެ އަދަދު އުޅޭނީ 3،900 އަށްވުރެ މަތީގަ އެވެ. އޭގެ ތެރެއިން ވައިރަހުގެ އަލާމާތްތައް ފެންނަނީ ނިސްބަތުން މަދު ބަޔަކަށެވެ. ވަކި ވަކި ކްލަސްޓާތަކަށް ބަލާއިރު، އެންމެ ގިނަ ކޮންޓެކްސްތައް ނިސްބަތްވަނީ ބިދޭސީން ގިނަ އަދަދަކަށް ހިމެނޭ ކްލާސްޓާތަކުންނެވެ. އެގޮތުން ބާޒާރުމައްޗަށް ނިސްބަތްވާ (ބީޒެޑްއެމް) ކްލާސްޓާއިން 925 މީހަކު ހިމެނޭއިރު، އޭއެމްޗް ކްލާސްޓާގައި 757 މީހުން ހިމެނެ އެވެ.

އާންމުގެ ފެންނަ އަލާމަތަކީ ކެއްސުމާއި ކަރުގައި ރިހުން!

އާންމުކޮށް ފެންނަ އަލާމާތްތައް --

މިހާރު ރާއްޖޭގައި ވައިރަހަށް ފަރުވާ ދެމުންދާ 507 މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ވައިރަހުގެ އަލާމާތްތައް ފެނުނު މީހުންނެވެ. އެއީ 311 މީހުންނެވެ. ޕަސަންޓޭޖުން ބަލާއިރު، އެއީ 61 ޕަސަންޓެވެ. އަލާމާތްތައް ނުފެނި ވައިރަސް ޖެހިފައި ވަނީ 196 މީހަކަށެވެ. އެއީ 39 ޕަސަންޓެވެ.

"މިހާތަނަށް ފެނުނު ކޭސްތަކުން އާންމުކޮށް ފެންނަ އަލާމާތްތަކަކީ، ހިކި ކެއްސުމެއް، ކަރުގައި ރިހުން، އަދި ހުން އައުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެހެނިހެން އަލާމާތްތައް:

  • ބޮލުގައި ރިއްސުން

  • ރަނިން ނޯސް
  • ކިބިހި އެޅުން
  • ގައިގެ އެކި ތަންތަނުގައި ރިއްސުން
  • ނޭވާލާން އުދަނގޫވުން/ ނޭވާ ކުރުވުން
  • ވަރުބަލިވުން
  • ބޭރަށްހިންގުުން
  • ހީކަރުވުން
  • ފެން ކަޅިވުން

އިތުރު ކޭސްތައް ފެނުމުގެ ފުރުސަތު އެބައޮތް!

މިހާޓަނަށް ދުވަހުން ދުވަހަށް ފެނުނު ކޭސްތައް --

މިހާތަނަށް އައި އިރު އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ 191 ކޭސް އެވެ. ނަމަވެސް އެފަހުން މިދިޔަ ދެތިން ދުވަހު ފެނުނު ކޭސްތައް ބޮޑުތަނުން މަދެވެ.

ޑރ. އަފަޒަލް ވިދާޅުވި ގޮތުގައި، އެއީ އަދި ހިތް ހަމަ ޖައްސާލެވޭނެ ކަމެއް ނޫނެނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެއަށްވުރެ ގިނަ ކޭސްތައް ފެނުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

"މިއީ އެކަށީގެންވޭ އަޅުގަނޑުމެންގެ ސާމްޕަލިން ނުވަތަ ޕެންޑިންގައި ހުރި ސާމްޕަލްތަކުން ސަބަބުން އިތުރު ކޭސްތައް ނުފެނި އޮތުން ކަމަށްވެސް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭގައި 8،813 ސާޕްލް ނެގި އިރު، ނަތިޖާ ނުލިބޭ އަދި 212 ސާމްޕަލް އެބައުޅެ އެވެ.

މިހާރުވެސް ހައި ރިސްކް ނުވަތަ ނާޒުކު ކެޓަގަރީއެއްގެ އާބާދީތަކެއްގެ އެކްޓިވް ސަވައިލެންސް ހަދަމުން އަންނަކަން ފާހަގަ ކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ، ބިދޭސީން ދިރިއުޅޭ 23 ސައިޓެއް މޮނީޓާ ކުރަމުން އަންނަ އިރު، އަދި ސާވެއިލެންސް މުޅިން ނިމިފައި ވަނީ ހަތް ސައިޓުގައި ކަމަށެވެ.

"އެހެންވީމަ ބާކީ ހުރި ސައިޓުތައް އިންވެސްޓިގޭޓް ކުރަމުންދާއިރު ވަރަށް ބޮޑަށް އެކަށީގެންވޭ އިތުރު ބޮޑެތި ކްލަސްޓާޒްތައް އައުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.