04 May 2020, 00:37
ކޮވިޑް 19 ގެ ހާލަތަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ބަޔަކާ ހަވާލުކުރި މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ހިމެނޭތޯ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް މިއަދު ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެމްބަރުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނޯންނާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަޔާނެއްވެސް އޭސީސީއިން ނުނެރޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޝިއުނާ އެހެން ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީއާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ރިޕޯޓުކުރުމުން އެކަމާ ގުޅިގެން މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ޝިއުނާ ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް މީޑިއާއަށްވެސް ދީފައި ނޯންނާނެ ކަމަށެވެ. އަދި އެމައްސަލައިގައި ކޮރަޕްޝަން އޮތޭ ނުވަތަ ނެތޭވެސް ބުނެފައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު މައްސަލައިގެ ހުރިހާ ޑޮކިއުމެންޓެއް ލިބިފައިވާ ކަމަށް ޝިއުނާ ވަނީ ވިދާޅުވެފަ އެވެ.
"ވަރަށް އަވަސް ތާރީހެއްގައި، ނޯމަލް ޕްރޮސެސްއަށްވުރެއްވެސް ވަރަށް އަވަހަށް ކުރެވޭ ކަމެއްގެ ގޮތުގައި މިބަލަނީ،" އޭސީސީގެ ރައީސް ވިދާޅުވި އެވެ.
އޭސީސީގެ ނައިބު ރައީސް އައިމިނަތު އަނޫލާ ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ބޮޑެތި ހަރަދުތަކެއް ހާއްސަ ހުއްދަތަކެއްގެ ދަށުން ކުރަމުންދާތީ ކޮރަޕްޝަނުގެ އަމަލުތަކެއް ހިނގާފާނެ ކަމަށް ބަލައި އެ ކޮމިޝަނުން އިރުޝާދު ނާމާއެއް ތައްޔާރުކޮށް މުއައްސަސާތަކަށް ފޮނުވާފައިވާނެ ކަމަށެވެ. އެ އިރުޝާދު ނާމާގައި މިހާރު ހިނގާ ހަރަދުތައްވެސް ފިނޭންސް މިނިސްޓްރީއަށް ރިޕޯޓުކުރުމަށް ބާރުއަޅާފައިވާނެ ކަމަށް އަނޫލާ ވިދާޅުވި އެވެ.
"އަދި އޭގެ އިތުރުން މި މުއްދަތު އިތުރުވާ ކަމުގައިވަންޏާ ޕީރިއޮޑިކަލީ އޮޑިޓްވެސް ކުރެވެން ވާނެއޭ. އެއީ އަޅުގަނޑުމެން ދެކޭގޮތް. އަދި މިހާލަތު ނިމިގެން ދެން އެންމެ އަވަހަށް ކުރެވޭ ކަމަކަށް ވާން ވާނެއޭ މިކަމުގެ ފުލް އޮޑިޓްއެއް. އެހެންވީމަ އަޅުގަނޑުމެން މިވަގުތު ތަހުގީގުގެ އިތުރުން ކުރެވެން އޮތް ކުރެވެން އޮތް ކަމަކަށް ވާތީ އެކަން ކުރީ،" އަނޫލާ ވިދާޅުވި އެވެ.
އަނޫލާ ވިދާޅުވީ މިދަނޑިވަޅުގައި އެތަނުގައި ތިބެ ޑެކްޖަހައިގެން ޑޮކިއުމެންޓްތައް ބަލާފައި ވަގުތުން ވަގުތަށް ކަންކަން ކުރަން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް މާލެ ލޮކްޑައުންގައި އޮތުމުން ޗެލެންޖް ތަކަކާއިއެކު މަސައްކަތް ކުރަމުން ދާ ކަމަށް އަނޫލާ ވިދާޅުވި އެވެ. ކޮވިޑާ ގުޅިގެން އޭސީސީއިން މަސައްކަތް ކުރަމުން ދަނީ ވަކި ހާއްސަ ޓީމެއް ނަގައިގެން އެކަމަށް ހާއްސަ އިސްކަމެއް ދީ އަވަހަށް މަސައްކަތްތައް ނިންމުނަށް ކަމަށް އަނޫލާ ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑް 19 އާ ގުޅިގެން އޭސީސީއިން ދަނީ ތިން މައްސަލައެއް ވަކިން ބަލަމުންނެވެ. އެއީ ވެންޓިލޭޓަރުތައް ގަތުމަށް ބަޔަކާ ހަވާލު ކުރި މައްސަލާގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނާ މައްސަލައާއި، މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭން ބޭރުގައި ތިބި ފަރާތްތައް މާލެ ގެނައުމުގައި ދައުލަތުގެ ވެރިންގެ ރައްޓެހިންނާއި އާއިލާގެ މީހުންނަށް މަގާމުގެ ނުފޫޒުން އިސްކަންދިން ކަމަށް ބުނާ މައްސަލައިގެ އިތުރުން ކޮވިޑް 19 އާ ގުޅިގެން ކުރަމުންދާ ކަން ކަމުގެ ތެރެއިން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާތަކެއް ލިބޭގޮތަށް ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގެ މައްސަލަ އެވެ.