04 May 2020, 09:42
ކޮވިޑް 19 އިގެ މިހާރު އޮތް ހާލަތުގެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ކޮވިޑް 19 އަށް ޕޮސިޓިވްވެ، އެކުއްޖާއާ ހަވާލުވާނެ ފަރާތެއް ނެތް ކުޑަކުދިންނަށް ރައްކާތެރިކަން ދޭނެ އުސޫލުތަކާއި އިންތިޒާމުތައް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ހުށަހަޅައިފި އެވެ.
ކޮވިޑް 19 އާ ގުޅިގެން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ވަނީ އެކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ބެލެނިވެރިޔާ ކޮވިޑް 19 އަށް ޕޮސިޓިވްވެ، ވަގުތީ ގޮތުން ބެލެނިވެރިކަމާ ހަވާލުވާނެ ފަރާތެއް ނެތި ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ދޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށެވެ.
އަދި ކޮވިޑް 19 އަށް ޕޮސިޓިވްވެ އައިސޮލޭޝަން ފެސިލިޓީގައި ބޭތިއްބޭ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހާލު ދެރަވެ އެކުދިންނަށް އަޅާނުލެވޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އެފަދަ ސެންޓަރުތަކުން އެ ކުދިންނާ މެދު އަމަލުކުރާނެ އުސޫލެއް އެލަވާލައި އެހާލަތަށް ތައްޔާރުވާން އިންތިޒާމުތައް ހަމަޖައްސަން ވެސް ވަނީ ކޮމިޓީއިން އެދިފަ އެވެ.
"ކޮވިޑް 19 އަށް ޕޮސިޓިވްވާ ކުދިންނަށް ނަފްސާނީ އެހީތެރިކަން ދިނުމުގެ އުސޫލާއި އިންތިޒާމުތައް ހަމަޖެއްސުން." ކޮމިޓީއިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ބުނެފައިވެ އެވެ.
ކޮމިޓީއިން ރިޕޯޓު ފައިނަލްކޮށް މިހާރު ވަނީ ތަޅުމަށް ފޮނުވާފަ އެވެ. އަދި އެ ރިޕޯޓު ވަނީ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފަ އެވެ.
ކޮވިޑަށް ޕޮސިޓިވްވެގެން ކުޑަކުދިން ވެސް ވަނީ އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފަ އެވެ. ކުޑަކުދިން ޕޮސިޓިވްވެފައި ވަނީ އެކުދިންގެ މައިންބަފައިންގެ ތެރެއިން އެކަކު ޕޮސިޓިވްވުމުން އެއިން މީހެއްގެ ފަރާތުންނެވެ. ކަރަންޓީ ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރެޑްކްރެސެންޓުން ދަނީ ކުރަމުންނެވެ. މިހާތަނަށް ރާއްޖެ އިން 527 މީހަކު ވަނީ ކޮވިޑަށް ޕޮސިޓިވްވެފަ އެވެ.