22 Dec 2011, 13:55
ފާދިއްޕޮޅު ނައިފަރުގައި ކުރިއަށްދާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗްތައް ޕޮލިސް ކުލަބުންނާއި ލ. ގަމު ބަރުލަމާނީ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފި އެވެ.
ނައިފަރު ވޮލީ ކޯޓުގައި ކުރިއަށްދާ މިމުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ޖުވެނައިލް ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް ތިން ސެޓް އެއް ސެޓުން ނެވެ.
މެޗްގެ ފުރަތަމަ ސެޓް 25-16 އިން ޕޮލިސް ކުލަބް ކާމިޔާބު ކުރިއިރު، ދެ ވަނަ ސެޓް 20-25 އިން ކާމިޔާބު ކުރީ ޖުވެނައިލް ސްޕޯޓްސް ކުލަބެވެ. އަދި ތިން ވަނަ ސެޓް 25-12 އިން ޕޮލިސް ކުލަބުން ކާމިޔާބު ކުރިއިރު، ފަހު ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-14 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބްގެ ޝައުނާ އަހުމަދެވެ. ކުރީ ނައިފަރު އައިޑިއަލް މޫވްމަންޓާ ދެކޮޅަށް ކުޅުނު މެޗް، ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މެޗްގެ ސެޓްތައް ބަރުލަބާނީ ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ، 25-17، 25-08 އަދި 25-10 އިންނެވެ. އަދި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ބަރުލަމާނީ ސްޕޯޓްސް ކުލަބްގެ ބިދޭސީ ކުޅުންތެރިޔާ ރާޖޫއެވެ.
މި މުބާރާތުގައި މިއަދު ވެސް ދެމެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:15 ގައި ބައްދަލު ކުރާ ދެޓީމަކީ ބަރުލަމާނީ އާއި ޕޮލިސް ކުލަބެވެ. އަދި މިރޭ 8:30ގައި ބައްދަލުކުރާ ދެޓީމަކީ ޖުވެނައިލް އާއި އައިޑިއަލް މޫވްމަންޓެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހުސްވި ހަތަރު އަހަރު ދުވަހު ވެސް ޗެމްޕިއަންކަން ހޯދި ޕޮލިސް ކުލަބެވެ.