03 May 2020, 23:27
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަތައް ބަލަމުން ދަނީ "އެސަރުކާރެއް މި ސަރުކާރެއް ބަލައިގެން ނޫން" ކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އޭސީސީއިން ބަލަމުންދާ ކޮރަޕްޝަން މައްސަލަތައް ބެލުމުގައި އެ ކޮމިޝަނަށް ހުރި ދަތިތަކުގެ މައުލޫމާތު ސާފު ކުރުމަށް ކޮމިޝަނުގެ މެމްބަރުން ވަނީ މިރޭ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ކޮމިޓީގައި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ސުވާލު ކުރެއްވީ ކުރީ ސަރުކާރުގެ މައްސަލަތައް އަދިވެސް ނުބެލި ލަސްވަމުން ދިއުމާއި މި ސަރުކާރުގެ މައްސަލަތައް އަވަހަށް ނިންމާތީ އެކަމާއި ގުޅިގެންނެވެ.
އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވީ މައްސަލަތައް ބެލުމުގައި ވަކި ސަރުކާރެއް އިސްކަންދީގެން މައްސަލަތައް ބަލާފައި ނޯންނާނެ ކަމަށާއި އަދި އެގޮތަށް ބަލަމުން ނުދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރީ ސަރުކާރޭ. މި ސަރުކާރޭ އެހެންނެއް އަޅުގަނޑުމެން ވަކި އެ ސަރުކާރެއް މިސަރުކާރެއް އެހެން ބަލާފަކާއެއް ނުހުންނާނެ." ޝިއުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީ ސަރުކާރުގައި ވެފައި ހުރި ކަންތައްތައް މިހާރު މި ބެލެނީ ސަރުކާރު ބަދަލުވުމަށް ފަހު ސަރުކާރުގައި ހުރި ލިޔެކިޔުންތަކާއި އެކަންކަމުގައި ޒިންމާ ނަގައިގެން ތިބި މީހުން ނޭންގޭ ހިސާބަށް ދިއުމުން ކަމަށެވެ. އޭގެ ބަދަލުގައި މިހާރު ބަލަނީ މިސަރުކާރުގައި ވިޔަސް މިހާރު ހިނގާ ކަމެއް ފާހަގަކުރެވޭ ހިސާބުން އެކަމަށް ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބު ދާރީ ކުރެވޭ ލެވެލްގައި ރިއަލް ޓައިމްގައި މަސައްކަތް ކުރަން ކަމަށް ޝިއުނާ ވިދާޅުވި އެވެ.
އޭސީސީއަކީ ސިޔާސީ ފަރާތްތަކުގެ ސިޔާސީ ވެޕަންއެއްހެން ޕޮލިޓިކަލް ޓޫލްއެއްހެން ބޭނުންކުރާ ތަނަކަށް ހެދުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށް ޝިއުނާ ވިދާޅުވި އެވެ.
"މިސާލަކަށް ވަކި ސިޔާސީ ފަރާތެއްގެ ބޮލުގައި ތުހުމަތުތަކެއް އަޅުވާފައި ކޮމިޝަނަށް މައްސަލަތައްކެއް ހުށަހެޅޭ ކަމަށް ވަންޏާ އަޅުގަނޑުމެން އަސްލު އެ އެލިގޭޝަންސްތައް އެހެން ބަހައްޓާފައި އެތައް އަހަރެއްވަންދެން މީހެއްގެ ބޮލުގައި ތުހުމަތުތައް ބެހެއްޓުމުގެ ބަދަލުގައި އަޅުގަނޑުމެން އަސްލު ކަނޑައަޅަނީ ވީހާވެސް އަވަހަށް އެކަން ބަލާފައި ކްލިއާ އިޓް އައުޓް" ޝިއުނާ ވިދާޅުވި އެވެ.
އޭސީސީގެ ޕްރޮސެސްގެ ތެރެއިން އިސްކަންދޭ ތަރުތީބެއް އޮންނަ ކަމަށް ޝިއުނާ ވިދާޅުވި އެވެ. އެގޮތުން ކޮވިޑް 19 އާ ގުޅިގެން ބަލާ މައްސަލަތަކަކީ އަވަހަށް ނިންމުމަށް ބަލަމުންދާ މައްސަލަތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑް 19 އާ ގުޅިގެން އޭސީސީއިން ދަނީ ތިން މައްސަލައެއް ވަކިން ބަލަމުންނެވެ. އެއީ ވެންޓިލޭޓަރުތައް ގަތުމަށް ބަޔަކާ ހަވާލު ކުރި މައްސަލާގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނާ މައްސަލައާއި، މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭން ބޭރުގައި ތިބި ފަރާތްތައް މާލެ ގެނައުމުގައި ދައުލަތުގެ ވެރިންގެ ރައްޓެހިންނާއި އާއިލާގެ މީހުންނަށް މަގާމުގެ ނުފޫޒުން އިސްކަންދިން ކަމަށް ބުނާ މައްސަލައިގެ އިތުރުން ކޮވިޑް 19 އާ ގުޅިގެން ކުރަމުންދާ ކަން ކަމުގެ ތެރެއިން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާތަކެއް ލިބޭގޮތަށް ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގެ މައްސަލަ އެވެ.