ކޮވިޑް19ގެ ސާމްޕަލް ނެގުމަށް ބޭނުންކުރެވޭ ކިއޯސްކްތަކެއް (ބޫތުތަކެއް) ދިރާގުން ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް19އާ ގުޅޭ ސާމްޕަލްތައް ނެގުމުގައި ބޭނުންކުރުމަށް 15 ކިއޯސްކް ދިރާގުގެ ފަރާތުން ލިބިފައިވާ ކަމަށެވެ. ޕްރިންޓް ލެބުން ޑިޒައިންކުރި އެތަކެތި ބޭނުންކުރަން ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އިތުރު ފަސް ސަރަހައްދެއްގައި ސާމްޕަލް ނެގުމަށެވެ.

މިތަކެތީގެ ސަބަބުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ސާމްޕަލް ނެގުމުގައި ގައިދުރުކަން ބަހައްޓައިގެން އެކަން ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ހަމައެއާއެކު މިތަކެތީގެ ސަބަބުން މިހާރު ދުނިޔޭގައި ވެސް އެތަކެއްޗަށް ޑިމާންޑު ބޮޑުވެފައިވާ އަންގި، ސޫޓު ފަދަ އަމިއްލަ ރައްކާތެރިކަމަށް ބޭނުންކުރާ ޕީޕީއީ އިކުއިޕްމަންޓްތައް ބޭނުންކުރާ މިންވަރު މަދުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ދިރާގުން ބުނީ މި ކިއޯސްކްތަކުގެ ސަބަބުން ކޮވިޑް19އަށް ޓެސްޓު ކުރުމުގައި ރައްކާތެރި މާހައުލެއް ގާއިމުކުރަން މަގުފަހިވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ހަމައެއާއެކު އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރަން، އަމިއްލަ ސަލާމަތާއި ރައްކާޓެރިކަން ގުރުބާން ކޮށްގެން މަސައްކަތްކުރާ ފްރަންޓްލައިންގެ އެންމެންނަށް ވެސް މި ތަކެތީގެ ސަބަބުން ރައްކާތެރިކަން ލިބޭނެ ކަމަށް ދިރާގުން އުންމީދުކުރެ އެވެ.