ފާއިތުވި ތިން ދުވަހު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މަދު ނަމަވެސް، ހިންދެމިލެވެން ނެތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ 95 މީހަކު ފެނިފައިވާއިިރު، އޭގެ ފަހުން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ވަނީ ދަށްވެފައެވެ.

އެ ނަންމަބަރުތަކާ ގުޅިގެން މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ގިނަ ބަޔަކު ޕޮޒިޓިވްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ މިހާރުވެސް ހައި ރިސްކް ނުވަތަ ނާޒުކު ކެޓަގަރީއެއްގެ އާބާދީތަކެއްގެ އެކްޓިވް ސަވައިލެންސް ހަދަމުން އަންނަ ކަމަށެވެ.

އެގޮތުން 23 ސައިޓެއް ފާހަގަކުރެވިފައި ވާއިރު، އަދި ސާވެއިލެންސް މުޅިން ނިމިފައި ވަނީ ގާތްގަނޑަކަށް ހަތް ސައިޓުގެ ކަމަށެވެ.

"އެހެންވީމަ ބާކީ ހުރި ސައިޓުތައް އިންވެސްޓިގޭޓް ކުރަމުންދާއިރު ވަރަށް ބޮޑަށް އެކަށީގެންވޭ އިތުރު ބޮޑެތި ކްލަސްޓާޒްތައް އައުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ހަމައެކަނި ވަލްނަރަބަލް ޕޮޕިއުލޭޝަންތަކުގެ ބަދަލުގައި، މާލޭގައި ދިރިއުޅޭ ދިވެހި އާބާދީގެ އެކްޓިވް ސަވައިލެންސެއް ހަދަން ހެދުމުގެ ވިސްނުން ވެސް މިހާރު އެބަހުރި ކަމަށެވެ.

އަދި އެ ސާމްޕަލްތަކުން ވެސް ބަޔަކު ޕޮޒިޓިވްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ބޮޑު މަންޒަރު ފެންނާނީ އެ ހުރިހާ ކަމެއް އެނގުމުން ކަމަށެވެ.

"އަދި އަޅުގަނޑުމެން ރިލޭކްސް ވާކަށް އެއްގޮތަކަށް ވެސް ނުބުނާނަން. ވޭތުވެދިޔަ ތިން ދުވަހު މަދުން ފެނުނަސް ވަރަށް ބޮޑަށް އެކަށީގެންވޭ ކުއްލިއަކަށް ހުރެލާފަ ބޮޑު ކްލަސްޓާއެއް ފެނިލާފަ ނަންބަރުތައް މަތިވުމުގެ ފުރުސަތު،" ޑޮކްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 527 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ 183 ދިވެހީންނާއި 344 ބިދޭސީންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 18 މީހަކު ރަނގަޅުވެފައި ވާއިރު، އެކަކު ވަނީ ބަލީގައި ނިޔާވެފައެވެ.